ރައީސް ނަޝީދު ވަނީ ނިޒާމުން ބޭރުން ގެއްލުވާލާފައިކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެ
އެމްޑީޕީގެ ނޫސް ކޮންފަރެންސެއްގައި މޫސަ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އަންޖު

ރައީސް ނަޝީދު ވަނީ ނިޒާމުން ބޭރުން ގެއްލުވާލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ، ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އުފައްދާފައިވާ ހުޅުމާލޭ ކޯޓުން ކުރި ޢައިރު ޤާނޫނީ އަމުރަކަށް ތަބާވެ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދުއާއި ބައްދަލުކުރެއްވުމަށް ދޫނިދޫއަށް ވަޑައިގެންނެވުމަށް ފަހު މާލެ ވަޑައިގެން ޖެޓީ ނަންބަރ 2ގައި ދެއްވި ނިއުސް ކޮންފަރެންސެއްގައެވެ.

ރީކޯ މޫސަ ވިދާޅުވީ މި ވަގުތު ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް ވިޔަސް އެމަނިކުފާނާއި މެދު ޢަމަލު ކުރައްވަމުން ގެންދަވަނީ ކުއްވެރިޔަކާއި މެދު ޢަމަލު ކުރައްވާ އުސޫލުންކަމަށެވެ. އަދި އެމަނިކުފާނު މިހާރު ހައްޔަރުކޮށްފައި ހުންނެވީ ވެސް ޤާނޫނާއި ޚިލާފަށް ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.