އެމްޑީޕީގެ “ވައުދުގެ ދަތުރު” ގައި ބައިވެރިވުމަށް ގިނަ ބަޔަކު ނަންނޯޓު ކުރަމުން އެބަދޭ

މި ފެށޭ އޮކްޓޯބަރު މަހު އެމްޑީޕީން ފަށާ “ވައުދުގެ ދަތުރު” ގައި ބައިވެރިވުމުގެ ފުރުސަތު އެ ޕާޓީއަށް ތާއީދުކުރާ ހުރިހާ ފަރާތަކަށް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު އެ ދަތުރުގައި ބައިވެރިވުމަށް މިވީ 2 ދުވަސް ތެރޭގައި ނަން ނޯޓުކޮށްފިއެވެ.

ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް އެންމެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ ރަށަކަށް ކުރާ މިދަތުރުގައި ބައިވެރިވާން ބޭނުން ފަރާތްތައް ރެޖިސްޓްރީކޮށް މަޢުލޫމާތު އެރުވުން އެމްޑީޕީގެ މައި ސެކްރެޓޭރިއަޓުންނާއި، ޕްރޮވިންސްތަކުގެ ރަށްރަށުގެ އެމްޑީޕީ އޮފީސްތަކުންނާއި އަދި ޖަގަހަތަކުގައި މިހާރު ކުރިޔަށްދާއިރު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ހުންނަ ރެޖިސްޓްރޭޝަން ޑެސްކުން އެކަނި ވެސް މިދަތުރުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމަށް އެދޭ 90 އަށް ވުރެ ގިނަ ފޯމު ގެންގޮސްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާއި، ޚާއްސަ ޖަލްސާތަކާއި، މައުލޫމާތުގެ ސެޝަންތަކާއި އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ އެކު ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.

ކަނޑުމަގުން ކުރާ މި ދަތުރު މިހާރު ފެށުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ކަމަށާއި، އެކި ސަރަހައްދުތަކުން މިދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.