ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ފޮރިންގ ސެކްރެޓަރީއާއި ބައްދަލުކުރައްވަައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އޮނަރަބްލް ވިލިއަމް ހޭގްއާއި ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހު ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގައި ބޭއްވި މިބައްދަލުވުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ކަންކަން ހިނގަމުން އަންނަ ގޮތާއި ދިވެހިރާއްޖޭގެ ޅަފަތުގައިވާ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތާގުޅޭގޮތުން މަޝްވަރާކުރެެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އަދި ދިވެހިރާއްޖޭގެ ހީނަރުވަމުން އަންނަ އިންސާނީ ޙައްޤުތަކުގެ ޙާލަތާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދިވެހިރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމުގެ މުހިއްމު ކަމާއި އަދި މިފަދަ ދަނޑިވަޅެއްގައި ރައީސް ނަޝީދު ދައްކުވައިދެއްވި ހިކުމަތްތެރި ނަމޫނާއަށް ވިލިއަމް ހޭގް ޝުުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ރޫޙު އާލާކޮށް ބިނާކުރުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަށް މަރުހަބާ ދެންނެވިއެވެ.

ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔުމާ ގުޅޭގޮތުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީން ތައްޔާރު ކުރެއްވި ރިޕޯޓުގެ ނިންމުންތަކަށާއި އެރިޕޯޓުގެ ރެކޮމެންޑޭޝަންތަކަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލު ކުރެއްވުމަށާއި، ދައުލަތުގެ މުވައްސަސާތައް ހަރުދަނާކުރުމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ވީއެންމެ އަވަހަށް ރިޔާސީ އިންތިހާބު ބޭއްވުމަށް ފޮރިން ސެކްރެޓަރީ ވަނީ ގޮވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމުގައި އިގިރޭސިވިލާުތުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން އެރުއްވިއެވެ.