އެމްޑީޕީގެ “ވައުދުގެ ދަތުރު” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޑީޕީން އިސް ނަގައިގެން 2008 ވަނަ އަހަރުގެ ކުރީކޮޅު އިންތިގާލީ ސަރުކާރަކަށް ގޮވާލައި ބޭއްވި އަރުމާޒު ދަތުރުތަކުގެ ތެރެއިން - އެމްޑީޕީ ފައިލް ފޮޓޯ

3 އޮކްޓޯބަރު ގައި އެމްޑީޕީން ފަށާ “ވައުދުގެ ދަތުރު” ގައި ބައިވެރިވުމުގެ ފުރުސަތު އެ ޕާޓީއަށް ތާއީދުކުރާ ހުރިހާ ފަރާތަކަށް މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީ ވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކަނޑާ، ވަޔާއި، އެއްގަމު ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން އެންމެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ ރަށަކަށް ކުރާ މިދަތުރުގައި ބައިވެރިވާން ބޭނުން ފަރާތްތައް ރެޖިސްޓްރީކޮށް މަޢުލޫމާތު އެރުވުން އެމްޑީޕީގެ މައި ސެކެރެޓޭރިއަޓުންނާއި، ޕްރޮވިންސްތަކުގެ ރަށްރަށުގެ އެމްޑީޕީ އޮފީސްތަކުންނާއި އަދި ޖަގަހަތަކުގައި މިއަދުން ފެށިގެން ކުރިއަށްދާނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާ ޚާއްސަ ޖަލްސާތަކާ މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.