“ބާޣީ” އެލަފްޒާއި ގުޅިފައިވާ ތެދު ހަޤީގަތްތައް ކަށަވަރުކޮށްދެއްވަން ރައީސް ނަޝީދު ހުންނެވީ ސާބިތުކަންމަތީގައި – އިންތި

ބަޣާވާތުގެ ސަރުކާރެއް ކަމަށް ގިނަ ރައްޔިތުން ދެކޭ، މިސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި މުހަންމަދު ނާޒިމާއި ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒާ ދިމާލަށް “ބާޣީ” އޭ ގޮވައިގެން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް އެ ދެ ބޭފުޅުން ސިވިލް ކޯޓަށް ހުށައަޅުއްވާފައިވާތީ މިދެބޭފުޅުން ތިއްބެވީ ބަޣާވާތް ކުރައްވައިގެން ކަމަށް ޤަބޫލު ކުރައްވާ ހުރިހާ ބޭފުޅުން ޚާއްޞަގޮތެއްގައި ސިފައިންނާއި ފުލުހުން މިމައްސަލާގައި ހެކިބަސް ދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިކަމާ ގުޅިގެން ބުދަދުވަހުގެރޭ ރައީސް ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ “އަޅުގަނޑު ޤަބޫލު ކުރާގޮތުގައި މިއީ ދިވެހި ރައްޔިތުންގެ ލޯކުރިމަތީ ހިނގައިދިޔަ ބަޣާވާތް ސާބިތު ކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް” ކަމުގައެވެ. އަދި ކޯނީ ރިޕޯޓު ބަލާފައިވަނީ ކްރިމިނަލް މައްސަލަތައް ބަލާ މިންގަނޑުން ބަލައިގެން ކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވާއިރު ސިވިލް ކޯޓުގައި މި މައްސަލަ ސާބިތު ކުރެވޭނެ ކަމަށް އެމަނިކުފާނު ޤަބޫލު ކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.

“އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 8 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، ބުނާ ބަހަކީ ދައުވާކުރާ ފަރާތުގެ އަބުރާބެހެވޭ ފަދަ ބަހެއްކަން ބަލަންޖެހޭ. މިގޮތުން އެބުނާ ބަހަކީ ތެދު ހަޤީގަތެއްތޯ ނުވަތަ އަބުރުގެ ދައުވާ އުފުލޭފަދަ އިހާނެތި ބަހެއްތޯ ދެނެގަންނާނީ ހާލަތަށާއި ކަންހިނގި ގޮތަށް ބަލާފަ. މިފަދަ ހާލަތްތަކުގެ ތެރޭގައި “ބާޣީ” މިލަފްޒަކީ އަބުރާބެހޭ ފަދަ ބަހެއްކަން ދެނެގަތުމާއި، “ބާޣީ”އެވެ ނަންގަނެވުނީ ދައުވާކުރާ ފަރާތުގެ އަބުރާބެހުމުގެ ނިޔަތުގައިތޯ ދެނެގަތުމާއި، ބުނެފައިވާ ބަހަކީ އެބަހުގައި އާއްމު މަސްލަހަތު ހިމެނޭ، އާއްމުންނަށް މުހިންމު މަޢުލޫމާތެއްކަން ދެނެގަތުމަތީ ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭން ޖެހޭ އުންސުރުތަކެއް” އެމް.ޑީ.ޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

“ކަންމިހެން އޮތުމާއިއެކު ދައުވާ ލިބިވަޑައިގަންނަވާ ރައީސް މުހައްމަދު ނަޝީދުގެ ދޫފުޅުން “ބާޣީ” މިލަފްޒު ބޭރުވެފައިވާ ކަމަށްވާނަމަ، އެލަފްޒާއި ގުޅިފައިވާ ތެދު ހަޤީގަތްތައް ކަށަވަރުކޮށްދެއްވަން އެމަނިކުފާނު ހުންނެވީ ސާބިތުކަންމަތީގައި” އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.