މޫސާ މަނިކު ޕޮލިހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަމުންދާ މައްސަލައެއްގެ ތަޙްޤީގަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕަސަން މޫސާ މަނިކު ޕޮލިސް ހެޑްކުއަޓަރަށް ހާޒިރުވުމަށް އަންގައިފިއެވެ.

މިއަދު ހަވީރު 16:00 ޖަހާއިރު މޫސާ މަނިކު ޕޮލިހަށް ހާޒިރުވުމަށް އަންގާފައިވަނީ، މަގުމަތިން ކޯޓު އުފެއްދުމާއި، ކޯޓުގެ ޙުރުމަތް ކަނޑާލައިގެންކަމަށް ބުނެއެވެ. އެހެން ނަމަވެސް މިޕާޓީން ދެކޭގޮތުގައި މޫސާ މަނިކު ޕޮލިސް ސަރވިސްއަށް ޙާޒިރު ކުރައްވަނީ، އެމްޑީޕީން ސަރުކާރުގައި ބައިވެރިވުމަށް ހުށަހަޅާފައިވާތީ އެކަމާއި ގުޅިގެން ބިރުދެއްކުމަށާއި، މިހާރު ކުރިއަށް ދާ ލީޑަރސް ޑައިލޮގަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށެވެ.

ދިވެހި އެންމެހާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހުރި މުއައްސަސާއަކުން ވަކި ސިޔާސީ ފިކުރަށް ނިސްބަތްވާ ފަރާތްތަކަށް ޚާއްސަކޮށްގެން މިފަދަ ނޭއްގާނީ ޢަމަލުތައް ކުރަމުންދާތީއާއި، އެމްޑީޕީގެ ސަޕޯޓަރުންގެ މައްޗަށް “ޖަންގަލީގެ އުސޫލްތައް” ހިންގަމުން ދާތީ، އެމްޑީޕީގެ ހުރިހާ މެމްބަރުން ތިބީ މޫސާ މަނިކުއާއި އެކުގައިކަން ހާމަކުރުމަށް މިއަދު ހަވީރު 16:00 ޕޮލިސް ހެޑްކުއަޓަރ ކުރިމައްޗަށް ހުރިހާ މެމްބަރުން ދިއުމަށް މި ޕާޓީން ވަރަށް އިޚްލާސްތެރިކަމާއެކު އެދެމެވެ.