ދިވެހިރާއްޖެއަށް ވަގުތުން ވަގުތަށް ބޭރުގެ އޮބްޒާވަރުން ވަޑައިންނެވުން މުހިންމު: ދަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ހިއުމަން ރައިޓްސް

އިންސާނީ ހައްޤު ތަކަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާތަކުގެ އިއްތިހާދެއް ކަމަށްވާ “ދަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ހިއުމަން ރައިޓްސް” އިން ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކާއި ބެހޭގޮތުނެ ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އެ ޖަމިއްޔާއިން އޯގަސްޓް 27ގައި ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ރާއްޖެއަށް ވަގުތުން ވަގުތަށް، އަދި ޙާއްސަކޮށް ކުރިޔަށް އޮތް ބުރާސްފަތި ދުވަހުގައި (އޯގަސްޓް 30) “ ކޮމިޓީ އޮފް ނެޝަނަލް އިންކުއަރީ(ކޯނީ)” ގެ ރިޕޯޓް ނެރުމުގެ ކުރިން ބޭރުގެ އޮބްޒާވަރުން ރާއްޖެ އަށް ވަޑައިންނެވުން މުހިއްމުކަމަށް ފާހަގަ ކޮށްފައެވެ.
“ކޯނީ” ރިޕޯޓް ނެރުމާއި ގުޅިގެން ހަމަނުޖެހުން ހިންގާފާނޭ ކަމުގެ ބިރު އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މީގެ އިތުރުން އެފް.އައި.ޑީ.އެޗް.ގެ ބަޔާނުގައ ރާއްޖޭގެ މިއަދުގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ބެހޭގޮތުން ފާހަގަ ކޮށްފައިވާ މައިގަނޑު ނުކުތާތަކުގެ ތެރޭގައި:

ފެބްރުއަރީ މަހު ވެރިކަން، “ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބަޤާވާތަކުން،” ބަދަލުވެދިޔުމާއި ގުޅިގެން މާލޭގެ މަގުމަތީގައި ކެނޑިނޭޅި ހަމަނުޖެހުން ހިނގާދިޔަކަމާއި، އަދި ސަލާމަތީ ބާރުތަކުން އިހްތިޖާޖް ކުރަމުންދާ ފަރާތްތައް ނޭދެވޭ، ގަދަބާރުން ހުއްޓުވަމުން ގެންގޮސްފައިވާތީ، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ނިގުޅައިގަތުން ހުއްޓުވުމަށް ބޭރުގެ އޮބްޒާވަރުން ރާއްޖެ އައުން މުހިންމު ކަމަށް ފާހަގަ ކޮށްފައިވެއެވެ.

“އެފް.އައި. ޑީ.އެޗް. އަށް ފާހަގަކުރެވުނު ގޮތުގައި އާއްމު މުއައްސަސާތަކާއި މެދުގައި ރައްޔިތުންގެ ތެރޭގައި އެއްވެސް އިތުބާރެއް ނެތްކަމާއި، އދި މިމުއައްސަސާތަކަކީ އެއްވެއްސް ބާރެއްނެތް، އަދި އިންސާނީ ހައްގުތައް ނިގުޅައިގަންނަ ފަރާތްތަކާއި މެދު އެއްވެސް ފިޔަވަޅެއް އަޅާ ހުއްޓުވުމުގެ ބާރެއް ލިބިގެންވާ މުއައްސަސާތަކެއް ކަމަކަށް ނުބަލައެވެ. މީގެ އިތުރުން، ކަމާބެހޭ ފަރާތްތަކުން، ފުލުހުންގެ ކިބައިން ރައްޔިތުންނަށް ދީފައިވާ އަނިޔާ، އިންސާފްވެރިކަމާއެކު ތަހްގީގް ކުރެވިފައެއް ވެސް ނެތެވެ.” އެފް.އައި.ޑީ.އެޗް. ގެ ރައީސް ސުހައިރް ބެލްހަސެން ވިދާޅުވިއެވެ.

މިހިނގާދިޔަ ފެބްރުއަރީ މަހަށްފަހު ފެންނަމުން މިދަނީ ދިވެހި ރާއްޖޭގައި ސިޔާސީ އަނިޔާ، “އާރބިޓްރަރީ” ހައްޔަރުކުރުން، އިހްތިޖާޖް ކުރަންނިކުން އަންހެނުންނަށް ޖިންސީ ގޯނާ ކުރުން، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ޤާނޫނީ، އަދި ޖިސްމާނީ ގޯނާ ކުރުން، މަރުގެ އިންޒާރު ދިނުމެވެ. މިފަދަ މާހައުލެއްގައި މަޑުން ބަލަން ތިބުމުގެ ވިސްނުމަކީ ބައިނަލްއަޤްވާމީ މުޖްތަމައުއިން ގެންެގުޅެވޭޭ ވަރަށް ޒިންމާދާރުކަންކުޑަ ވިސްނުމެކެވެ،”ސުހައިރް ބެލްހަސެން އިތުރަށް ވިދާޅުވިއެވެ.

“އެފް.އައި. ޑީ.އެޗް. އިން ބައިނަލްއަޤްވާމީ މުޖްތަމައުއަށް މި ގޮވާލަނީ “ކޯނީ’ ރިޕޯޓް ނެރުމުގެ ކުރިން އޮބްޒާވަރުން މާލެއަށް ފޮނުވުމަށާއި، ދިވެހި ސަރުކާރަށް މި ގޮވާލާނީ އެއްވެ އުޅުމުގެ މިނިވަންކަން ހިމާޔަތްކޮށް ނަގަހައްޓަން ތައްޔާރަށް ތިބިކަން ސާބިތު ކޮށްދިނުމާއި، އަދި މިހާރުން މިހާރަށް، އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ އ.ދގެ ހާއްސަ މުޝީރުގެ މިޝަން އެއް ރާއްޖެ ވަޑައިތުމަށް ތާރީހެއް ކަޑައެޅުމަށެވް” އެ ޖަމިއްޔާގެ ރައީސް މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

އެފް.އައި. ޑީ.އެޗް.އިންވަނީ މިހިނގާ އޯގަސްޓަ މަހުގެ ކުރީކޮޅު މާލެ ޒިޔާރަތްކޮށް، ދިވެހި ރާއްޖޭގެ އިންސާނީ ހައްގުތަކުގް ހާލަތު، ޙާއްސަކޮށް މީޑިޔާގެ މިނިވަންކަން، ނިގުޅެމުން ދާތަން ފެނިފާކަމަށް ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެފް.އައި. ޑީ.އެޗް.އަކީ 1922ގައި އުފެދުނު، 164 ބައިނަލް އަގްވާމީ ޖަމިއްޔާތަކެއްގެ އިއްތިހާދެއް ނުވަތަ ފެޑެރޭޝަން އެކެވެ. މި ފެޑެރޭޝަންގައި ހިމެނެނީ އެފްރިކާގެ 37 ޖަމިއްޔާއަކާއި، އެމެރިކާގެ 34، އޭޝިޔާގެ 19، ޔޫރަޕްގެ 46، ސެންޓްރަލް އޭޝިޔާގެ 18 އަދި އަރަބި ގައުމު ތަކުގެ 28، އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާ ތަކުގެ އިއްތިހާދެކެވެ.