އެމްޑީޕީ މަތި ދެކުނު ޕްރޮވިންސްގެ ރައީސް މުހައްމަދު ހަސަން އާއި ސީދާ ހަރަކާތުގެ އެހެން ބައިވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 68
ތާރީޚް: 15 ޖުލައި 2012 (އާދިއްތަ)

އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެ ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރަމުން ދަނިކޮށް އެމްޑީޕީ މަތި ދެކުނު ޕްރޮވިންސްގެ ރައީސް މުހައްމަދު ހަސަން އާއި ސީދާ ހަރަކާތުގެ އެތައް ބައިވެރިންނެއް ގާނޫނާއި ގަވާއިދާއި ޚިލާފަށް މިރޭ ހައްޔަރުކޮށްފައި ވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުނަށް ކަށަވަރުކޮށްދީ، ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ.

އަދި އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ މުޙައްމަދު ހަސަން އާއި ފުލުހުންގެ ހައްޔަރުގައި ތިބި ސީދާ ހަރަކާތުގެ ބައިވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ ޖަރިމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް
3340044