މިހާރު ފަށާފައިމިވާ މަސައްކަތަކީ ބަޣާވާތުގެ ސަރުކާރު ނިމުމަކަށް ގެނައުމުގެ މަސައްކަތް – އިންތި

ސީދާ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން އިއްޔެ ފަށާފައިވާ އިހުތިޖާޖުތަކަކީ ބަޣާވާތުގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ފަށާފައިވާ މަސައްކަތް ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި މިރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި އިންތި ވިދާޅުވީ ބަޣާވާތުގެ ސަރުކާރު ނިމުމަކަށް އަންނަތަން މިހާރުވެސް ދިވެހިރައްޔިތުންނަށް ފެންނަމުންދާ ކަމަށާއި، އެމްޑީޕީގެ ސީދާ ހަރަކާތް ނިންމާލާނީ މި ސަރުކާރު ވައްޓާލާފައި، ނުވަތަ އަވަސް އިންތިޚާބެއްގެ ތާރީޚް ހޯދައިގެން ކަމަށެވެ.

މި އިހްތިޖާޖުތަކުގައި ބައިވެރިވެ، “އިންތިޚާބަކާ ނުލައި ވެރިކަމަށް އައިސްފައިވާ ސަރުކާރާ ދެކޮޅަށް އިހްތިޖާޖުކޮށް މި ސަރުކާރު ނިމުމަކަށް ގެނައުމަށް ވީހާވެސް ގިނަ ބަޔަކު އެމްޑީޕީގެ ސީދާ ހަރަކާތުގައި ބައިވެރިވުމަށް”، ވެސް އިންތި މިރޭ ގޮވާލެއްވިއެވެ.

އެމްޑީޕީގެ އިހްތިޖާޖުގެ ބައިވެރިންނާ ފުލުހުން ކުރިމަތިލާފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި، މިއަދު ފުލުހުން ހައްޔަރުކޮށްގެން އުޅުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ރާއްޖެ ޓީވީގެ ރިޕޯޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާ މެދު ވެސް ފުލުހުން ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް އިންތި ވިދާޅުވިއެވެ. އަދި ފުލުހުން ސުލްހަވެރި މުޒަހަރާތަކުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާ މައްސަލައާއި، ސުލްހަވެރި މުޒާހަރާތަކުގައި ބައިވެރިވާ އާންމުންނާއި، ނޫސްވެރިންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ މައްސަލައިގައި އެމެރިކާގެ ސަފީރު ޕެޓްރީޝިއާ ބުޓެނިސް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް ފުލުހުން އާންމުންނާ މެދު އަނިޔާވެރިވެފައި މިވަނީ އެމެރިކާ އާއި މުޅި ދުނިޔެއަށް ގޮންޖެހުމަށް ފަހު ކަމަށް ވެސް އިންތި ވިދާޅުވިއެވެ.