އިންކުއަރީ ކޮމިޝަނުން ވެސް ނިމިގެން ދާނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަން – ރީކޯ މޫސަ

މިހާރު ފަށާފައިވާ އިންކުއިރީ ކޮމިޝަނުގެ މަސައްކަތް ނިމިގެންދާ އިރު، 7 ފެބްރުއަރީގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ކަނޑައަޅާނޭ ކަމަށް ޔަގީންކުރެއްވޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރޭ އުސްފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ވެރިކަން ބަދަލުވީ ބަޣާވާތަކުންކަން އެމަނިކުފާނަށް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އަދި ބަޣާވާތާއި ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން އެ މައުލޫމާތު އިންކުއިރީ ކޮމިޝަނާ ހިއްސާކުރެއްވުމަށް ވެސް ރޭގެ ޖަލްސާގައި މޫސަ އިލްތިމާސްކުރެއްވިއެވެ.

ބަޣާވާތުގެ ކުރިން ހިނގައިދިޔަ ކަންތައްތަކުގެ ރިކޯޑިންގ އެއް އޮތް ކަމަށްވާނަމަ އެ މީހަކު ބަޔާންދޭން ގަސްތުކުރާ ދާއިރާއަކުން މައުލޫމާތު ދިނުމަށް އިންކުއިރީ ކޮމިޝަނަށް ދާއިރު، ވީހާ ވެސް ތެދު މައުލޫމާތު ދިނުމުގެ ގޮތުން އެ ރިކޯޑިންގ އެއް ބެލުމަށްފަހު އެ ކަމެއް ހިނގައިދިޔަ ވަގުތާއި، ހާލަތު ފުރިހަމައަށް ސިފަކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ރޭގެ ޖަލްސާގައި މޫސަ ވިދާޅުވިއެވެ.