އެމްޑީޕީގެ ޕްރޮވިންސް ރައީސުންނާ ޗެއަރޕާސަން ރީކޯ މޫސަ ބައްދަލުކުރައްވައިފި
އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސަ ވާހަކަ ފުޅު ދައްކަވަނީ ..

އެމްޑީޕީގެ ޕްރޮވިންސް ރައީސުންނާ އެ ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމަށް އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ލާމަރުކަޒުކުރުމުގެ އުސޫލާ އެއް ގޮތަށް އެމްޑީޕީގެ ހިންގުން ބައްޓަން ކުރުމުގެ މުހިންމު ކަމާއި، އެކަމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ޗެއަރޕާސަން ވާހަކަފުޅުދެއްކެވިއެވެ. އަދި 7 ޕްރޮވިންސްގައި އެމްޑީޕީގެ 7 އިދާރީ އޮފީސް ގާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިދާރީ ގޮތުން ޕްރޮވިންސްތަކުގައި އެމްޑީޕީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާ ބެހޭ ގޮތުން އެމްޑީޕީގެ ޗެއަރޕާސަން އާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ބަދަލުކުރެއްވިއެވެ. އަދި ކޮންމެ އާދީއްތަ ދުވަހަކު ޕްރޮވިންސް ރައީސުންނާ އެކު ޗެއަރޕާސަން ބައްދަލުވުމެއް ބާއްވާ ގޮތަށް ވެސް ހަމަޖެއްސެވިއެވެ.

މިއަދު ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ނައިބު މާލީ އަޙުމަދު މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.