ރައީސް ނަޝީދު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފި

ރައީސް ނަޝީދު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުޙަންމަދު މުސްތަފާއަށް ތާޢީދު ހޯއްދެވުމަށް ރައީސް ނަޝީދު ކުރެއްވި މި ދަތުރުފުޅުގައި އެ ދާއިރާގެ 3 ރަށް ކަމަށްވާ ތިމަރަފުށި، ގާދިއްފުށި އަދި ގުރައިދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. އަދި ތިމަރަފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި އެމަނިކުފާނު ތިމަރަފުށީ ރައްޔިތުންނާ މުޚާޠަބުކުރެއްވިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) އާއި، ތިނަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމުގެ ނައިބު މުޙައްމަދު ގަސަމް އާއި، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠޯރިގް އާއި، ބާރަށު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް މުޙަންމަދު ޝިފާޒް އާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ އާއި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.