އާސަންދަ ނިޒާމް ހުއްޓާލުމަށް ބާޣީ ސަރުކަާރުން ދަނީ ތަފާތު އެކި ބަހަނާ ދައްކަމުން – އެމްޑީޕީ

އާސަންދަ ނިޒާމާ ބެހޭ ގޮތުން ބާޣީ ސަރުކާރުން ދައްކަމުންދާ ބަހަނާތަކަކީ އާސަންދައިގެ ހިދުމަތް ހުއްޓާލުމަށް ދައްކަވަމުން ގެންދާ ވާހަކަތަކެއް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ 3 މެންބަރުން ކަމަށްވާ އެ ގްރޫޕްގެ ވިޕް، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އާއި، އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އިމްތިޔާޒް އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ބޭއްވި ނޫސްކޮންފަރެންސެއްގައި އާސަންދަ ނިޒާމުގައި މައްސަލަތައް ހުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެ ނިޒާމަށް ބަދަލު ގެނައުމަށް ކުރަމުންދާ މަސައްކަތަށް އެ ބޭފުޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި އާސަންދަ ހިދުމަތް ހުއްޓުވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރުގެ ފެބްރުއަރީ 7، 8ގައި އެމްޑީޕީގެ މެމްބަރުންނަށާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ދެކޮޅަށް ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރި މައްސަލައިގައި އިއްޔެ ޝިފާޒް މަޖިލީހަށް ވެއްދި ގަރާރާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެ މައްސަލައިގައި ބަހުސްކުރުމަށްފަހު، ވޯޓަށް އެހުން 1.30 އަށް ބަދަލުކުރީ މަޖިލީހުގެ ގަވައިދާއި ޚިލާފަށް ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން އެގޮތަށް އަމަލުކޮށްފައިވަނީ އޭރު މަޖިލިސްގެ ޗެމްބަރުގައި އެމްޑީޕީއާ ދެކޮޅު މެމްބަރުން މަދުވުމުން ކަމަށެވެ.