ޕާޓީގެ އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް އަޅުގަނޑުމެން ސާބިތު ކަމާއެކު ކުރިމަތިލާ އަދި އެކަންކަން ކާމިޔާބު ކުރާނަން – ޒަކީ
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީ އެ ޕާޓީގެ ޕްރައިމަރީ އެއް ގައި ވޯޓުލައްވަނީ

އެމްޑީޕީގެ އެތެރެއިންނާއި ބޭރުން، ޕާޓީގެ މެންބަރުންނަށާއި، ޕާޓީގެ ނިޒާމަށް މީގެ ކުރިން ވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެ ގޮންޖެހުންތަކުން އެމްޑީޕީއަށް އަރައިގަނެވެނީ އެ ޕާޓީގެ މެންބަރުންގެ ގުޅުން ވަރުގަދަކަމުން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވެއްޖެއެވެ.

އުސްފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަކީ ވިދާޅުވީ އެމްޑީޕީ ފެށުނީ 350 މީހުންގެ މައްޗަށް ކަމަށް ވިޔަސް އެއަދަދު މިހާރުވަނީ އިތުރުވެފައި ކަމަށެވެ.

“ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ތިންސަތޭކަ ފަންސާސް މީހުންގެ މައްޗަށް އުފެދުނު ޕާޓީއެއް. މިއަދު މިޕާޓީ މިހިސާބަށް އައިއިރު މިޕާޓީގެ މަގުބޫލު ކަމާއި، މިޕާޓީއަށްއޮތް ތާއީދާއި، އަދި އެއްބާރުލުން ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކުވަނީ އަޅުގަނޑުމެންނަށް ދީފައި. އޭގެ ފުރިހަމަ ނަތީޖާއަކަށްވީ ދިވެހިރާއްޖޭގައި އޮތް އެންމެބޮޑު ސިޔާސީޕާޓީ އަކީ އަދި އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އަކީ، އަދި ކިއެއްތޯ ހަމައެކަނި ދިވެހިރާއްޖޭގައި އޮތް ޑިމޮކްރެޓިކް ޕާޓީއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ.” ޒަކީ ވިދާޅުވިއެވެ. “މިޕާޓީ ވުޖޫދަށް އައިސްގެން މިހިސާބަށް ދަތުރު ކުރިއިރު މިޕާޓީގެ އެތެރެއިންނާއި ބޭރުން، ޕާޓީގެ މެންބަރުންނާއި، ޕާޓީގެ ނިޒާމަށްވަނީ ގޮންޖެހުން ތަކެއް ކުރިމަތިވެފައި. ﷲ ގެ އިރާދާ ފުޅުން އަދި ތިޔަބޭފުޅުންގެ ތާއީދާއި، އެއްބާރުލެއްވުން އަދި ތިޔަބޭފުޅުން އެކަތިގަނޑަކަށްވެ ތިއްބެވިލެއް ވަރުގަދަކަމުން މިއިން ކޮންމެފަހަރަކު މިޕާޓީވަނީ ކާމިޔާބު ކޮށްފައި. އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުން މިޕާޓީގެ އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް އަޅުގަނޑުމެން ސާބިތު ކަމާއެކު ކުރިމަތިލާ އަދި އެކަންކަން ކާމިޔާބު ކުރާނަމޭ”

ޚުދުމުޚުތާރު ވެރިކަމަކީ އަނިޔާކުރުމަށް މަގުފަހިވާ އެންމެބޮޑު އެއްވަސީލަތް ކަމަށްވެސް ޒަކީ ވިދާޅުވިއެވެ. އަދި އެނިޒާމުގެ ތެރެއިން ގައުމެއްގެ ރައްޔިތުން ހިފަހައްޓަން ޖެހެނީ އަނިޔާ އާއި ބިރު ދައްކައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“މިކަމަށް (އަނިޔާކުރުމާއި، ޚުދުމުޚްތާރުކަމާއި ދެކޮޅަށް) އަޅުގަނޑުމެން ތެދުވީ. އަޅުގަނޑުމެން ބޭނުންވީ ދިވެހި ރައްޔިތުނަކީ އިންސާނީ ހައްގުތައް ފުރިހަމައަށް ހިމާޔަތް ކުރެވިފައިވާ ބައެއްގެ ގޮތުގައި ތިބުމަށް. އެކަން ކާމިޔާބު ކުރެވުނު.” ޒަކީ ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލް އަގުވާމީ މުޖުތަމައު އޮތީ އެމްޑީޕީއާ އެކުކަމަށާއި، އެހެން ކަމުން މިއަހަރުތެރޭ ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.

“ބައިނަލް އަގުވާމީ މުޖުތަމައު އޮތީ ސައްތައިން ސައްތަ އަޅުގަނޑު މެންނާއެކީ. އެކަން އަޅުގަނޑުމެންނަށް ޔަގީންވާ އެއްސަބަބަކީ މިރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށްވުން. އެހެންވީމާ އަޅުގަނޑުމެންގެ ޕާޓީން ގަބޫލުކުރާ އުސޫލުތަކާއި، އަޅުގަނޑުމެންގެ ޕާޓީން ގެންގުޅޭ ހަމަތަކާއި، އަޅުގަނޑުމެންގެ ޕާޓީން ތަބާވާ އެކިއެކި އުސޫލުތަކަކީ ބައިނަލް އަގުވާމީ މުޖުތަމައުގައި އެކަން ކުރަމުން އަންނަގޮތް. އަޅުގަނޑުމެންނާ އެމީހުންނާ ދޭތެރޭ އެއްވެސް ޚިޔާލު ތަފާތުވުމެއް ނުހުންނާނެ. ދެން ބައެއް މީހުން އަޅުގަނޑުމެންނާ ދިމާއަށް ބުނަމުންދޭ މިވެނި ގައުމަކުން އެވެނި ގައުމަކުން މިހެންނޭ ހެދީ އެހެންނޭ ހެދީ. އެހެން ނަމަވެސް އެއީ މާޒީ، މިއަދު ބައްލަވާ، ކޮންގައުމަކުންތޯ އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ މައްސަލާގައި އަޅުގަނޑުމެންނާ އިދިކޮޅު އެއްޗެއް ބުނީ. އަޅުގަނޑަކަށް ނުފެނޭ ހަމަ އެއްވެސް ގައުމެއް” އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ ވަރަށްބޮޑު ތާއީދެއް ރައީސަށް އޮތްކަން ހާމަވަމުންދާ ކަމަށްވެސް ޒަކީ ވިދާޅުވިއެވެ. އެހެންކަމުން އެންމެފަހުން އެމެރިކާއިން އެމްޑީޕީއަށް ތާއީދު ކުރައްވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެހެންވީމާ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ މިއަހަރު ތެރޭ އިންތިޚާބެއް އަންނާނެތޯ ނާންނާނެތޯ އެސުވާލު މިހާރު އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތޭ. އަޅުގަނޑު ވަރަށް ސާބިތު ކަމާއެކުގައި މިދަންންވަނީ ﷲގެ އިރާދަފުޅުން މިއަހަރުތެރޭ ދިވެހިރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން”، ޒަކީ ވިދާޅުވިއެވެ.