ނޫސް ބަޔާން: 06 މާރޗް 2012 ވަނަ ދުވަހުގެ ރޭ މެންދަމު ސަލާމަތީ ބާރުތަކުން ލޮނުޒިޔާރަތްކޮޅުގައި ހިންގި ލާއިންސާނީ ޖަރީމާ އެމްޑީޕީން ކުށްވެރިކުރުން

mdp-logo1

06 މާރޗް 2012 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 އާއި 3:00 އާދެމެދުގެ ވަގުތެއްގައި ޔުނިފޯރމް އަޅައިގެންތިބި ފުލުހުންގެ ފައުޖެއް، ބަޣާވާތާ އިދިކޮޅަށް އިޙްތިޖާޖުކުރާ ލޮނުޒިޔާރަތްކޮޅަށް ކުށްލިގޮތަކަށް އަރައިގަނެ، އެތަނުގައި ސުލްޙަވެރިކަމާއެކު ތިބި ބަޔަކާ ދިމާލަށް ހަޑިހުތުރު ޒާތީ ބަހުރަވައިން މުއާމަލާތްކޮށް، މަރާލާނޭކަމުގެ އިންޒާރުތައްދީ، މުގުރުތަކުންނާއި އެނޫންވެސް ބާވަތްތަކު ހަތިޔާރުން ފުރާނައަށް ނުރައްކާވާފަދަ ޙަމަލާތައްދީ، ޒަޙަމްކޮށް ލޭއޮހޮރުވައި، އޭގެ ނަތީޖާއެއްގެގޮތުން ބައެއްމީހުން ހޭނެތިވެއްޓުމުން އެމީހުން މޫދު ތޮށިގަނޑުން ބޭރަށް އެއްލާލައި، ފާޅުކަންބޮޑުގޮތެއްގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާ ހިންގާފައިވެއެވެ. މިޖަރީމާ ހިންގިއިރު ބައެއް ފުލުހުން ތޫނު ވަޅި ހިފައިގެން ތިއްބައި ވެސް ވަނީ ފެނިފައެވެ. މިދެންނެވި ލާއިންސާނީ ޖަރީމާ ހިންގިވަގުތު، އެސަރަހައްދުގައިވާ އެމް.ޑީ.ޕީ ގެ ސްޓޭޖަށް ފުލުހުން އަރައި އެ ސްޓޭޖްގައި ބަހައްޓާފައިހުރި ޕޯޑިއަމް ވެސް ވަނީ އެއްކޮށް ފުނޑާލާފައެވެ. އަދި ގިނަ ބަޔަކު ހިފާ ހައްޔަރުކޮށްފައި ވެސް ވެއެވެ.

މިޢަމަލު ފުލުހުން ހިންގާފައިވަނީ ރޭގެ ވަގުތެއްގައި ބަޔަކު މީހުން ފުލުހުންގެ ބައެއް ތަންތަނަށް ގެއްލުންދިންކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ. ފުލުހުން މިފަދަ ވާހަކަ ދައްކާއިރު، އެންމެފަހުން ފުލުހުންގެ ސައިކަލެއްގައި ރޯކޮށްލިކަމަށް ބުނެވުނު މައްސަލާގައި ވެސް އެއަމަލު ހިންގާފައިވަނީ ޑޮކްޓަރ ވަޙީދު ނިސްބަތްވާ ޤައުމީ އިއްތިޙާދު ޕާރޓީގެ މެމްބަރެއްކަން ފަހުން ވަނީ ސާބިތުވެފައެވެ.

އެމް.ޑީ.ޕީ އަކީ އަބަދުވެސް ސުލްޙައަށް ލޯބިކުރާ، ސުލްޙަވެރިކަމާއެކުގައި އިޙްތިޖާޖުކޮށް ޤާނޫނީ އިމުގެތެރެއިން އަމަލުތައް ބަހައްޓާ ސިޔާސީ ޕާރޓީއަކަށް ވާހިނދު، ބަހަނާދައްކައިގެން ސަލާމަތީ ބާރުން އެމް.ޑީ.ޕީގެ މެމްބަރުންނަށާއި ދިވެހިރައްޔިތުންނަށް ބޮޑެތި ލާއިންސާނީ އަނިޔާކުރަމުންދަނީ ޖަންގަލީގެ ހަމަތަކުގެމަތިންކަމަށް ދެކެމެވެ.

ހިނގަމުން މިދާ ކޮންމެ ޙާދިސާއެއްގެ ޙަޤީޤަތަކީ، 07 ފެބްރުއަރީ 2012 ވަނަ ދުވަހު ސަލާމަތީ ބާރުތަކުގެ ބައެއް ބައިވެރިވެގެން ހިންގި ބަޣާވާތުގެ ޢަމަލާ ގުޅޭ ސިލްސިލާ ބޮޅަކަށްވާވުމެވެ. މިގޮތުން ބަޣާވާތް ހިންގި ދުވަހުވެސް ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ލޯކުރިމަތީގައި އެތަކެއް ރައްޔިތުންގެ ގައިގައި ތަޅައި ލާއިންސާނީ އަނިޔާކޮށް، އެމް.ޑީ.ޕީ ގެ ހަރުގެއަށް އަރައިގަނެ ހަރުގެ ފުނޑާލައި، ހަތިޔާރު ބޭނުންކޮށްގެން އެމް.އެން.ބީ.ސީ އަށް ވަދެގަނެ އެތަން ހިސޯރުކޮށްފައިވެއެވެ.

އެހެންކަމުން ސުލްޙަވެރި ރައްޔިތުންތަކެއްގެ މައްޗަށް ފުލުހުން ރޭގައި ހިންގި ރަހުމެއްނެތް ލާއިންސާނީ ބޮޑު ޖަރީމާ މި ޕާރޓީގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދަ ނުބައި ނުލަފާ ޖަރީމާތައް ތަކުރާރުނުކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް