އެމްޑީޕީގެ އެކްޓިވިސްޓް މޫސާ ދީދީ ނިޔާވެއްޖެ

އެމްޑީޕީގެ އެކްޓިވިސްޓް މޫސާދީދީ ( ބޮރިސް ) 47 އަހަރު ސ.ފޭދޫ/ ސިލްސިލާގެ މިއަދު އައިޖީއެމް އެޗްގައި ނިޔާ ވެއްޖެއެވެ.

މޫސާދީދީ ވަނީ މިމަހުގެ އެއްވަނަ ދުވަހު މާލޭގައި ހިނގާދިޔަ ސުލްޙަވެރި އިޙްތިޖާޖުގައި ހެނދުނުއްސުރެ އެ ދުވަހު ވެއްޓެންދެން ދެމިހުންނަވާފައެވެ. އޭނާގެ ޢާއިލާގެ މެންބަރަކު ކިޔައިދިންގޮތުގައި މޫސާދީދީ ހޮސްޕިޓަލަށް ދާން މަސައްކަތް ކޮށްފައިވީ ނަމަވެސް ހިތްވަރު ހުސްވެގެން ވެއްޓިފައިވަނިކޮށް ސިފައިން އޭނާ އޭޑީކޭއަށް ގެންގޮސްފައި ވާކަމަށާއި، އެތަނުން ފަރުވާނުލިބި ލަސްވާތީ އައިޖީއެމް އެޗަށް ގެންގޮސް އެތަނުންވެސް ވެސް އެކަށީގެންވާ ފަރުވާނުލިބި 4 ދުވަސް ވީފަހުން ފަރުވާދޭންފަށާފައި ވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވީކަމުގައެވެ.

މޫސާދީދީ ނިޔާވިއިރު މޫސާދީދީގެ އަންބަކާއި 5 ކުދިން ދުނިޔޭގައި އެބަތިއްބެވެ. އެއީ 2 ފިރިހެންކުދީންނާ 3 އަންހެން ކުދީންނެވެ. މޫސާ ދީދީގެ ކަށު ނަމާދު އޮތީ މިއަދު އަސްރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައެވެ. މި ކަށުނަމާދުގައި އެމްޑީޕީގެ އިސް ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޫސާދީދީ އަކީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށާއި، އެމްޑީޕީއަށް އާދަޔާ ޚިލާފް ސަޕޯޓެއް ކުރެއްވި ހިއްވަރުގަދަ އެކްޓިވިސްޓެކެވެ.