ބަޣާވާތަކުން ހިންގާ ސަރުކާރު ބަދަލުކުރާނެ ކަމުގެ އިންޒާރު މާރިޔާ ދެއްވައިފި

mariya-didi-mp

ރައީސް ނަޝީދުގެ ރަނިނގްމޭޓެއްގެ ގޮތުގައި ވަޑައިގެން ޚިޔާނާތްތެރިވެ ބަޣާވާތަކުން ޑރ ވަހީދު ހޯދާފައިވާ ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޗެއަރޕާސަންކަން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ދެއްވައިފިއެވެ.

އިންސާފްގެ ދަތުރުގައި ކުޅުދުއްފުށީގައި ރޭ އެމްޑީޕީން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މައުމޫނުގެ 30 އަހަރުވީ ވެރިކަންވެސް ބަދަލުކުރީ އެމްޑީޕީން ކަމަށާއި ބާޣީ ވަހީދުގެ ވެރިކަންވެސް އެްމޑީޕީން ބަދަލުކުރާނެކަމަށެވެ. އެކަންކުރުމަށް އެމްޑީޕީގެ ރީނދޫ ލަޝްކަރު ނިކުމެފައިވާ ކަމަށާއި އަދި އެކަން ކުރާނީ ޑޭވީވެސް ބޭލި ފަދައިން ރާއްޖޭގެ ހިތްވަރުގަދަ އަންހެންވެރިން ކަމަށާއި ބޮޑުތިލަދުންމަތިންވެސް އެފަދަ ހިތްވަރާއި ފަންވަަރުހުރި އަންހެން ދަރިން ފެންނަމުންދާކަމަށް މާރިޔާ ވިދާޅުވިއެވެ.

ފުލުހުންނަކީ ފޭލްވެފައިވާ ބައެއް ކަމަށް ވިދާޅުވަމުން މާރިޔާ ވިދާޅުވީ ފުލުހުންނަށާއި ސިފައިންނަށް ކާންދީ ޔުނީފޯމުދީ އަދި ނިދާނެ ތަންދީ ހަދަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި ރައްޔިތުންނަށް ކަމެއް ޖެހޭއިރު ފުލުހުންނާ ސިފައިން ފޭލްވެފައިވާކަމަށެވެ. ހަތިޔާރު ނެތް ބަޔަކާ ނޫންގޮތަކަށް ފުލުހުންނަށް ބަޔަކާ ކުރިމަތިލާން ނުކެރޭ ކަމަށާއި، ބަސްނާހާ ތިބި 70 ވަރަކަށް ފުލުހުން މައިތިރި ނުކުރެވުން އެއީ އޭގެ މިސާލެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހު ރައީސް ނަޝީދު އަރިހު 3 ފަހަރަށް ބަޑިގުދަން ހުޅުވަން އެދުނު ކަމަށާއި އެދުވަހު ހުއްދަ ނުދިނުމުން ބަޑި ނުނެގުނުއިރު މާފުށީ ޖަލުގައި ބަޑިޖަހާ މީހުން މަރާލީ މައުމޫނުގެ އޯޑަރަށް ކަމަށެވެ.

“މައުމޫނުގެ އަމުރު ނުލިބިއެއް ބަޑިއެއް ނުނެގޭނެ. މައުމޫނުގެ އޯޑަރށް ބަޑި ނެގީވެސް އަދި ބަޑި ޖެހީވެސް. އެކަމަކު ހުކުމްކުރީ ޅަ ފުލުހުން ކޮޅަކަށް.” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ މިއަހަރަކީ ތިލދުންމައްޗަށް ޚާއްޞަކޮށް ކުޅުދުއްފުށީގެ ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް ފެށުމަށް ހަމަޖެހިފައިވާ އަހަރެއް ކަމަށާއި އެކަމަށް ބަޖެޓްގައި ފައިސާ ކަނޑައެޅި ބައެއް މަޝްރޫއުތައް ފެށުމާ ކައިރިވެފައިވާ ކަމަށެވެ. އަދި ބަޔަކު ބަޣާވާތަކުން ވެރިކަން ވައްޓާލީ އެމްޝްރޫއުތައް ފެށުމަށް ކުޅުދުއްފުއްޓަށް ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ މީހަކުވެސް ރައީސް ނަޝީދު ތަރައްޤީ ގެންނަވާނެކަން ޤަބޫލު ކުރާނެ ކަމަށާއި ކުޅުދުއްފުށީގައި މިހާރު ފެށިގެން ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުންނަށް އެކަން ޔަޤީން ވާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާގެ އިތުރުން އެރަށުގެ ބައެއް އެހެން ފަރާތްތަކުން ވެސް ވާހަކަދެއްކެވިއެވެ.

ބޮޑު ތިލަދުންމަތީގެ ބައެއް ރަށްރަށަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެހެން ރަށްރަށެކޭ އެއްފަދައިން ކުޅުދުއްފުށިން ވެސް ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހާބާއެއް ކިޔާފައިވެއެވެ.