ދިވެހި ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުނީ އަޅުގަނޑު ބަޑި ގުދަން ނުހުޅުވައި ދިނީމަ – ރައީސް ނަޝީދު

441

ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު 7 ފެބްރުއަރީގައި ރާއްޖެއަށް ގެނައި ނުރައްކާތެރި ބަޣާވާތުގައި ސިފައިން ބަޑީގެ ބޭނުންނުކުރީ އެމަނިކުފާނު ބަޑިގުދަން ހުޅުވައި ނުދެއްވުމުން ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހއ.ދިއްދޫގައި ރޭ ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ދުވަހު ބަޑިގުދަން ހުޅުވުމަށް ސިފައިން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް އެމަނިކުފާނު އެގޮތަށް ޢަމަލުނުކުރެއްވީ ދިވެހިރައްޔިތުން އެބަޑީގެ އަމާޒުފަތްގަނޑަކަށް ވުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާތީ ކަމަށެވެ.

“(ބަޣާވާތްކުރި ދުވަހު) ދިވެހި ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުނީ އަޅުގަނޑު ބަޑި ގުދަން ނުހުޅުވައި ދިނީމަ. އަޅުގަނޑު ހިތަށް އަރާ ތިބޭފުޅުން ކޮން އަސްލެއް ގަބޫލު ކުރައްވައިގެންތޯ މިހާރު އަނެއްކާ ބަޑި ހިއްޕަވައިގެން ތި ނުކުންނަވަނީ. އަޅުގަނޑު ބުނީމަ އަޑު އައްސަވާ. ބަޑިތައް ހިއްޕަވައިގެން ރައްޔިތުންގެ ކުރިމައްޗަށް ނާރުއްވާތި. ތި އުޅުއްވަނީ ރާއްޖޭގެ ދަރިދަރި ފަސްކޮޅަށް ދާންދެން ހަލާކުވާ ވަރުގެ ކަމެއް ކުރައްވަން.”، ރާއްޖޭގެ ޑިމޮކްރަސީގެ ބާނީ ކަމަށް ގިނަ ބަޔަކުދެކޭ، ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

ވެރިންނަކީ ރައްޔިތުންނާ ދެބަސްވާނެ ބައެއް ނޫން ކަމަށާއި، ވެރިންނަކީ ރައްޔިތުން ނަފްރަތު ވާނެ ގޮތަށް އުޅޭނެ ބައެއް ނޫން ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ދެކޮޅަށް އަމަލުކުރުމަކީ އެއްވެސް ހާލެއްގައި ފައިދާކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ ސިފައިން “ރީތި ގޮތުގައި ބަޑީގެ ބޭނުން ކުރީސް”، ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

” ބައެއް ރިސޯޓްތަކުގައި ކުރީގެ ސިފައިންގެ އިސް އޮފިސަރުން ބައިތިއްބައިގެން އެ ބޭފުޅުންނާ އެކުގައި، ސިފައިންގެ ތެރެއިން ޖެނެރަލުންނާއި އެހެން ބޭބޭފުޅުން ހައްލައިގެން ބަޣާވާތެއް ރާވައި މި ވަނީ މި ރާއްޖޭގައި ހިންގާފަ. އަޅުގަނޑަށް މަޖުބޫރުކޮށްގެން އަޅުގަނޑު މިހުރީ އިސްތިއުފާ ދީފައި. އަޅުގަނޑު އިސްތިއުފާ ދިނީ މިރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ލިބިދާނެ ކަމަށް އަޅުގަނޑަށް ފެނިގެން. އަޅުގަނޑު ދުށް ގޮތުގައި އަޅުގަނޑު އިސްތިއުފާ ނުދިން ނަމަ ބަޑީގެ ބޭނުން ރީތި ގޮތުގައި ކުރީސް”، ފެބްރުއަރީ 22 ވަނަ ދުވަހު ހެނދުނު އިންސާފްގެ މައިދާނުގައި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ތިލަދުން މައްޗަށް ކުރައްވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގަތީ އިއްޔެ މެންދުރުފަހުއެވެ. އިއްޔެ ހަވީރު އެމަނިކުފާނުވަނީ ދިއްދޫގައި އެމްޑީޕީގެ ސަޕޯޓަރުންނާއި، ބަޣާވާތާއި ދެކޮޅު މީހުން ބޭއްވި ސުލްހަވެރި ހިނގާލުމުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި އޭގެ ކުރިން އެއަތޮޅު އިހަވަންދޫއަށް ވަޑައިގެން އެރަށު އެމްޑީޕީ ހަރުގޭގައި އެމަނިކުފާނު، އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ދިއްދޫ އާއި އިހަވަންދޫ އިން ވެސް ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

ރައީސް ނަޝީދު ބޮޑު ތިލަދުންމައްޗަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅުގައި މިއަދު ހޯރަފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ސުލްހަވެރި ހިނގާލުމެއްގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިރޭ ހދ.ކުޅުދުއްފުށީގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ހދ.އަތޮޅުގެ އެމްޑީޕީ ސަޕޯޓަރުންނާ އެމަނިކުފާނު މުޚާޠަބުކުރައްވާނެ އެވެ.