ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް 14 ގައި

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށި ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް އޭޕްރީލް 14 ވާ ހޮނިހިރު ދުވަހު ބައިއިލެކްޝަނެއް ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން މިއަދު އިޢުލާނުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާމި ބައި- އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2012 ފެބްރުއަރީ 27 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2012 މާޗް 11 ވާ އާދީއްތަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު ހެނދުނު 9:00 ން ހަވީރު 3:00 އާ ހަމަޔަށެވެ. ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 ން ހަވީރު 5:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މި ބައި އިލެކްޝަންގެ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަނުންނާއި ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ތިމަރަފުށީ ގޮނޑި ހުސްވެފައިވާ ކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރީ އެ ގޮނޑި ތަމްސީލްކުރެއްވި އެމްޑީޕީގެ މެންބަރު މުޙައްމަދު މުސްތަފާގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެއެވެ. އެހެން ނަމަވެސް މުސްތަފާގެ ހިއްސާ އޮންނަ ސީފުޑް އިންޓަރނޭޝަނަލްގެ ސާބިތު ދަރަންޏެއްގެ މައްސަލައިގައި މުސްތަފާއާ މެދު އެކަނި ޙުކުމް ކުރެވިގެން ނުވާނޭ ކަމަށް ގިނަ ބަޔަކު ދަނި ބުނަމުންނެވެ.

މުސްތަފާ ވަނީ ސްޕްރީމް ކޯޓުގެ ހުކުމަކީ “ވަކިކޮޅަކަށް ފުރޮޅިފައިވާ، ސިޔާސީ ހުކުމެއް” ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ދަރަނި އަދާކުރެއްވުމަށްފަހު “އަލުން އެނބުރި، އެމަގާމަށް އަންނާނޭ” ކަމަށް އޭނާ ވިދާޅުވިއެވެ.