މެޓްރިކްސް މޯޑު ގޭބަންދަށް ދޫކޮށްލައިފި

matrix-mohd

ސަލާމަތީ ބާރުތަކުން ޤާނޫނާއި ގަވައިދުތަކާ ޚިލާފަށް ހައްޔަރުކޮށްފައިވާ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް) ގޭބަންދަށް ދޫކޮށްލައިފިއެވެ.

ސަލާމަތީ ބާރުތަކުގެ ހައްޔަރުން ސަލާމަތްވުމަށް ފަހު އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން މޯޑު ވިދާޅުވީ އޭނާ ދޫކުރުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވެވަޑައިގެންނެވި ގުރުބާނީ އާއި އެޕާޓީގެ އާންމު މެންބަރުން މެދުކެނޑުމެއްނެތި ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށާއި، އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

މޯޑުގެ އިތުރުން އޭނާއާ އެކު ހައްޔަރުކޮށްފައި ތިބި އައްޑޫ ސިޓީ ކައުންސިލްގެ 3 މެންބަރުން ވެސް ރޭ 11.30 ހާއިރު ދޫކޮށްލާފައިވާ ކަމަށް މޯޑު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ޙަސަން ޝާހިދު އާއި، ހިތަދޫ މެދު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ޙިލްމީ އާއި، ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ފަހުމީ އެވެ.

” އަޅުގަނޑު ހަގީގަތުގަ ވަރަށް އުފަލުން މިހިރީ. އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އެމްޑީޕީގެ އާންމު މެންބަރުން އެ ދައްކައިދިނީ އަޅުގަނޑުމެންގެ މެދުގައި ގާއިމްވެފައިވާ އެއްބަނޑު އެއްބަފާ ކަމުގެ ވަރަށް ރީތި މިސާލެއް. އަޅުގަނޑު ގަބޫލުކުރާނީ އެމްޑީޕީން އިއްޔެ ހަވީރުން ފެށިގެން މެދުކެނޑުމެއްނެތި ކުރި ޕްރެޝަރުގެ ސަބަބުންނޭ މި ގޮތަށް ވެސް އަޅުގަނޑުމެން ދޫކޮށްލަން މަޖުބޫރުވީ.” މޯޑު ވިދާޅުވިއެވެ.

މެޓްރިކްސް މޯޑާއި، އައްޑޫން ހައްޔަރުކުރި 3 ކައުންސިލަރުން ވެސް ދޫކޮށްލާފައިވަނީ ގޭބަންދަށެވެ.