ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ސަލާމަތީ ބާރުން ހައްޔަރުކުރި މައްސަލަ އާގުޅޭ ގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވައިފި

dharubaaruge-09-02-12-1871

ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ސަލާމަތީ ބާރުން ހައްޔަރުކުރި މައްސަލަ އާގުޅޭ ގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީގައި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ރަޝީދު، އޭނާ ތަމްސީލުކުރައްވާ ދާއިރާގައި އުޅުއްވަނިކޮށް 11 ފެބްރުއަރީ 2012 ވަނަދުވަހުގެ ވަގުތެއްގައި ސަލާމަތީ ބާރުން ވަރަށް އަނިޔާވެރިގޮތަކަށް އޭނާ ހިފައި ހައްޔަރުކޮށް އަދި މިހާތަނަށް ވެސް އޭނާ މިނިވަންނުކުރާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 202 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ “ޖިނާޢީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަޙުޤީޤް ކުރިޔަށް ގެންދެވެން ނެތް ޙާލަތެއްގައި، މެމްބަރަކު ބަންދުކުރަންޖެހިއްޖެ ހިނދެއްގައި، މެމްބަރަކު ބަންދުކުރަންވާނީ، މަޖިލީހުގެ ރައީސަށް އެންގުމަށްފަހުގައި” ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެމްޑީޕީގެ ސިޓީގައި ވެއެވެ..

އަދި 203 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ރައީސަށް މި ޤަވާޢިދުގެ 202 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން މަޢުލޫމާތެއް ލިބިއްޖެނަމަ، ލަސްވެގެން 24 ގަޑިއިރު ތެރޭގައި، އެކަން އިމްތިޔާޒު ކޮމިޓީއަށް އަންގަންވާނޭ ކަމަށާއި، އަދި ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެމައްސަލަ ބެލުމަށްޓަކައި އެ ކޮމިޓީ ބައްދަލުވާންވާނެއެވެ.

ނަމަވެސް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ސަލާމަތީ ބާރުން ހިފާ ހައްޔަރުކޮށްފައިވަނީ 202 ވަނަ މާއްދާގެ (ށ) ގައި ލާޒިމުކުރާގޮތަށް މަޖިލީހުގެ ރައީސަށް އެކަން އެންގެވުމަށް ފަހުގައިތޯ ސާފުކުރަން ބޭނުންވާ ކަމަށާއި، އަދި ހަމަ އެއާއެކު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން މަޖިލީހުގެ ރައީސަށް 203 ވަނަ މާއްދާގައި ލާޒިމުރާގޮތުގެމަތިން އެ މަނިކުފާނު ޢަމަލުކުރައްވާފައިވޭތޯ ވެސް ސާފުކުރަން ބޭނުންވާ ކަމަށް އެމްޑީޕީގެ ސިޓީގައި ވެއެވެ .

ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހައްޔަރުކޮށް ގެންގުޅެމުން އެގެންދަނީ މަޖިލީހުގެ ޤަވާޢިދާ ޚިލާފަށްކަމަށް އެންމެ ފުރަތަމަވެސް ޤަބޫލުކުރެވޭ ކަމަށާއި، އެހެން ޕާރޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކިފަހަރުމަތިން އެތައް ހާދިސާތަކެއްގައި ޖިނާޢީ ކުށްކުރިކަން ނުވަތަ ކުށްކުރަމުންދާކަން މީޑިއާތަކަށާއި ތަޙްޤީޤްތަކަށް ސާބިތުވާއިރުވެސް، ހައްޔަރުކުރުމުގެ އަމުރާއި އަދި މުއްދަތު އިތުރުކުރުމުގައި ވެސް އެމް.ޑީ.ޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެހެން ޕާރޓީތަކުގެ މެމްބަރުންނާ ދެމެދު ސަލާމަތީ ބާރުން އަމަލުކުރަމުންގެންދަނީ ވަރަށް ތަފާތުކަން ބޮޑުގޮތެއްގައި ކަމަށް ވެސް އެމްޑީޕީގެ ސިޓީގައި ވެއެވެ..

އެހެން ކަމުން، ހިތަދޫ މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ރަޝީދު ވަގުތުން ހައްޔަރުން ދޫކޮށްލުމަށާއި، އަދި އެމް.ޑީ.ޕީގެ މަޖިލީހުގެ މެމްބަރުން އެހެން ޕާރޓީތަކުގެ މެމްބަރުންނާ ތަފާތުގޮތަކަށް ހައްޔަރުކޮށް ނުހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ސަލާމަތީ ބާރުތަކަށް އަންގަވައިދެއްވުމަށް މި ސިޓީގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެދިފައިވެއެވެ.

މެޓްރިކްސް މޯޑު ގަވައިދާއި ޚިލާފަށް ހައްޔަރުކުރުމާ ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލިސް ގޯތިތެރޭގައި އިޙްތިޖާޖް ކުރަމުންދާއިރު މަޖިލިސް ބޭރުގައި އެމްޑީޕީގެ މެންބަރުންނާއި، މިހާރު އުފެދިފައިވާ ބާޣީ ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ މުޒާހަރާކުރަމުންނެވެ.