ކުއްލިއްޔާ ހިމާޔަތްކުރުމަށް ކަމަށްބުނެ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޮގު މަޢުލޫމާތު ތަކެއް ދެއްވާފައިވާކަމަށް ޝެއިޚް މުޢީދު ވިދާޅުވި
އިބްރާހީމް ރާމިޒް
ފެބްރުއަރީ 17 ވަނަ ދުވަހަކީ ހަމައިން ނެއްޓިފައިވާ ރާއްޖޭގެ ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ދިވެހި ރައްޔިތުން ތެދުވާ ދުވަސް ކަމަށާއި، އެމްޑީޕީގެ އިންސާފްގެ ދަތުރު ނިންމާލާނީ މުޅި ގައުމުގައި އަދުލު އިންސާފް ގާއިމްކޮށްދީފައި ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި “އިންސާފުގެ ދަތުރު” ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެ އަދުލު އިންސާފުން ބޭރުވެފައިވަނީ ޢިލްމާއި ހުނަރު ލިބިފައިވާ ޢަދުލުވެރި ގާޒީން ނެތުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި ތިމާ ހެއްދެވި ފަރާތާމެދު ބިރެއް ނެތި، ޙުކުމްތައް ކުރަމުން ދިއުމުގެ ސަބަބުން އަދުލު އިންސާފް ގެއްލިފައިވާ ކަމަށާއި، ޝަރުޢީ ނިޒާމްގެ ބޭއިންސާފް ޢަމަލުތަކުން މި ގައުމުގެ އަމާންކަން ގެއްލެމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އިންތި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް މުޙައްމަދު ފާރޫޤް ވެސް ވިދާޅުވީ އިސްލާމީ ޝަރީޢާ ގާއިމްކުރެވޭނީ އިންސާފްވެރި، އަދުލުވެރި، ޢިލްމުވެރި، ޤާނޫނީ ގޮތުން ތަސައްރަފް ފުދިފައިވާ ޤާނޫނާއި އިސްލާމީ ޝަރީޢަތް މަތީ ފެންވަރެއްގައި އުނގެނިފައި ތިބި ބަޔަކަށް ކަމަށެވެ.
އިސްލާމީ ޝަރީޢަތް ބައެއްގެ މެދުގައި ގާއިމް ނުކުރެވިއްޖެ ނަމަ އެ ބައެއްގެ މެދުގައި ފިތުނަ ފަސާދަ އުފެދި، ގައުމުގެ މަސްލަޙަތު ގެއްލި، ގަދަ މީހާ ގަދަވާގޮތް ދިމާވެ، މިނިވަންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ގައުމު ވެއްޓިގެން ހިނގައިދާނޭ ކަމަށާއި، މި ސަބަބުތަކަށްޓަކައި އަދުލު އިންސާފް ގާއިމްކުރުމުގެ މަސައްކަތުގައި ބައިވެރިވުމަކީ ގައުމީ ވާޖިބެއް ކަމުގައި ވިދާޅުވިއެވެ.
ފެބްރުއަރީ 17 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ބޮޑު މުޒާހަރާ އިންސާފްގެ ދަތުރަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަނީ ތައްޔާރުވަމުންނެވެ. މި މުޒާހަރާއަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާލެއަށް އަންނާނޭ ކަމަށް ބެލެވޭއިރު، އެކި ފަރާތްތަކުން ދަނީ މި މުޒާހަރާގެ އިންތިޒާމްތައް ކުރުމަށް ދީލަތި އެހީތަކެއް ވެދެމުންނެވެ.
މީގެ އިތުރުން ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާ ހިމާޔަތްކުރުމަށް ކަމަށްބުނެ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޮގު މަޢުލޫމާތު ތަކެއް ދެއްވާފައިވާކަމަށް ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ކުއްލިއްޔާގެ ކުރީގެ ލެކްޗަރާ އައްޝެއިޚް ޢަބްދުލް މުޢީދު ޙަސަން ވިދާޅުވިއެވެ.
ޝެއިޚް މުޢީދު ވިދާޅުވީ އެ މައުލޫމާތު ދެއްވި ފަރާތްތަކުންވެސް ޤަވާޢިދާ ޚިލާފަށް ކަންކަން ކުރައްވާފައިވާ ކަމަށެވެ.