ޑރ. ޖަމީލަކީ ސިޔާސީ ޕްލެޓް ފޯމުތަކުގައި ގަދަ ބަސް ވިދާޅުވާން ކެރޭ އެކަމަކު ހަޤީޤަތާ ކުރިމަތިލާން ނުކުރޭ ބޭފުޅެއް – ފުވައްމުލަކު ރަށު ކައުންސިލްތަކުގެ އިދާރާތައް

އިބްރާހީމް ރާމިޒް

ފުވައްމުލަކު ރައްޔިތުންގެ އަރިހުން މަޢާފަށް އެދުމަށްވެސް މި ނޫސްބަޔާނުގައި ޑރ.ޖަމީލަށް ގޮވާލާފައިވޭ

ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދަކީ ސިޔާސީ ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދު ޖަލަށްލާނަމޭ ވިދާޅުވެ ގަދަބަސް ވިދާޅުވާން ކެރޭ، އެހެން ނަމަވެސް ހަގީގަތާ ކުރިމަތިލާން ނުކެރޭ ބޭފުޅެއް ކަމަށް ފުވައްމުލަކު ބައެއް ރަށު ކައުންސިލްތަކުގެ އިދާރާތަކުން ބުނެފިއެވެ.

ދިވެހި މުޖުތަމަޢުގައި ފިތުނަވެރިކަމާއި އަރައިރުންވުން އުފެދޭ ގޮތަށް، އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސުލްހަ މަސަލަސް ކަމަށް ބުރޫ އަރާގޮތަށް ފުވައްމުލަކަށް ނިސްބަތްވާ ފަރާތެއް ކަމަށްވާ ޤައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވާހަކަ ދައްކަވަމުން ދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް މި ނޫސް ބަޔާންގައި ވެއެވެ.

” އެނގިވަޑައިގަންނަވާނެ ފަދައިން ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ދިވެހި ކޮންމެ ފަރުދަކަށް ލިބިދީފައިވާ ޙައްޤެކެވެ. ނަމަވެސް، ޤާނޫނީ ގޮތުން މަތީ ތަޢުލީމު ހާސިލުކޮށްގެން ހުރި، ޑރ. މުހައްމަދު ޖަމީލު، ޤާނޫނު އަސާސީގައި ބަޔާން ކުރެވިފައިވާ ޙައްޤުތަކުގެ ބޭނުން ހަމަ ނޫން ގޮތުގައި ހިފައި، ލިބިދީފައިވާ މިނިވަންކަމުގެ އިންތަކުން ފަހަނައަޅައި، ދިވެހި ސަރުކާރަކީ ލާދީނީ ފިކުރު ތައް ގެންގުޅޭ، އަދި ފާދިރީންނާއި ގުޅުން އޮންނަ ސަރުކާރެއްކަމަށް ރައްޔިތުންނަށް ވިސްނައި ދިނުމަށް ކުރާ މަސައްކަތްތަކަކީ އަމިއްލަ އެދުމުން ފުރިގެންވާ، އެއްވެސް އަސްލެއް ނެތް، ހަމަ އެކަނި ސިޔާސީ މަޤްސަދު ހާސިލު ކުރުމަށް ދައްކާ ދޮގު ވާހަކަތަކެކެވެ. ސާބިތު ނުހިފޭ ދޮގު ވާހަކަ ތަކެއް ދައްކަވާތީ ޑރ. މުހައްމަދު ޖަމީލު ފުލުސް އޮފީހަށް ހާޒިރު ކުރުމުން އެއްވެސް އެއްޗެކޭ ނުބުނެ ހަނު ހުރުމުންވެސް ދައްކުވައި ދެނީ ޑރ. ޖަމީލަކީ ހަމައެކަނި ސިޔާސީ ޕްލެޓް ފޯމުތަކުގައި، ރައީސް ނަޝީދު ޖަލަށްލާނަމޭ ބުނެ ގަދަ ބަސްވިދާޅުވާން ކެރޭ، އެކަމަކު ހަޤީޤަތާ ކުރިމަތިލާން ނުކުރޭ ބޭފުޅެއްކަމެވެ.” ނޫސްބަޔާނުގައި ވެއެވެ.

” ރާއްޖޭގެ ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީއެއްގެ ނާއިބް ރައީސްކަމުގައި ހުރެމެ، ޤާނޫނީ އިލްމުން ޕީއެޗްޑީ ނަންގަވައި ހުރެމެ، ދިވެހި ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވާފައި ހުރެމެ، ތިމާގެ ދުލުގެ ބޭނުން މުޖުތަމަޢުގެ ފައިދާއާއި ލާބާއަށް ކުރެވޭނެ ކިތަންމެ ގޮތެއް އޮތް އިރު، ދުލުގެ ބޭނުން ގެއްލުން ދެނެވި ގޮތުގައި ޖަމީލު ކުރައްވާތީ މި ކައުންސިލުން އެކަން އެގޮތަށް ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ. އަދި، ވަކިން ހާއްސަކޮށް، ޑރ. ޖަމީލަކީ ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅަކަށް ވާއިރު، މި ރަށުގެ އެއްވެސް މީހަކު މިފަހުގެ ތާރީޚެއްގައި މިހާ ހުތުރުކޮށް އަމަލުތަށް ބަހައްޓާފައި ނުވާއިރު، ޑރ. ޖަމީލު ފުވައްމުލަކުގެ ރީތިނަމަށް ހުތުރު އަރުވައި ކިލަނބު ކޮށްފައިވާތީ، ފުވައްމުލަކު ރައްޔިތުންގެ އަރިހުން މަޢާފަށް އެދުމަށްވެސް ގޮވާލަމެވެ.” ފުވައްމުލަކު ދިގުވާނޑު، ހޯދަޑު، މާދަޑު އަދި ފުނާޑު ހިމެނޭ ރަށުކައުންސިލްތަކުން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ.

ކުރީ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރު ކަމާއި، މި ސަރުކާރުގެ ސިވިލް އޭވިއޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ.ޖަމީލަކީ މި ސަރުކާރާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުންދާ އެއް ފަރާތެވެ. އަދި ޑރ.ޖަމީލް ސަރުކާރާއި މެދު ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކަވަމުންދާތީ އޭނާ އާއި ދެކޮޅަށް ސަރުކާރުން ވަނީ ދައުވާކޮށްފައެވެ.