ގަގައުމެއްގެ ސީދާ ފޭރާން ފެނިގެންދަނީ، ރައްޔިތުންގެ ތެރޭގައި ތިބި ކުށްވެރިންނާ ގުޅޭގޮތުން އެ ޤައުމެއްގެ ސަރުކާރުން ޢަމަލުކުރާ ގޮތްތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ޖަލު ރަނގަޅު ކުރަން ފެށުނީ ވެރިކަމުގެ ނިޒާމު ބަދަލުކުރެވި ރާއްޖެއަށް ޑިމޮކްރަސީ ތަޢާރުފް ކުރެވުނީތީ – ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-nasheed-450-x-299

ގައުމެއްގެ ސީދާ ފޭރާން ފެނިގެންދަނީ، ރައްޔިތުންގެ ތެރޭގައި ތިބި ކުށްވެރިންނާ ގުޅޭގޮތުން އެ ޤައުމެއްގެ ސަރުކާރުން ޢަމަލުކުރާ ގޮތްތަކުން ކަމަށާއި،ރާއްޖޭގެ ޖަލު ރަނގަޅު ކުރަން ފެށުނީ ވެރިކަމުގެ ނިޒާމު ބަދަލުކުރެވި، ރާއްޖެއަށް ޑިމޮކްރަސީ ތަޢާރުފް ކުރެވި އަދި ޤާނޫނުއަސާސީ އިޞްލާޙު ކުރެވުނީތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދެވަނަ ފުރްޞަތުގެ ޕްރޮގްރާމްގެ އޮފީހުން އިންތިޒާމް ކުރެއްވި ޤައިދީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ހުޅުއްވައިދެއްވުމުގެ ޙަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ނޭޝަނަލް އާޓް ގެލެރީގައި އޮތް މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަލަށް ޙުކުމްކުރެވޭ މީހުންނަކީ، އެމީހުންގެ ކުށްތަކުންނާއި އަދި އެފަދަ ޢަމަލުތަކުން ސަލާމަތްކުރެވި، ބަދަލުކުރެވިގެން އަލުން އަނބުރާ މުޖްތަމަޢަށް ގެނެވޭނެ މީހުންނަށް ހެދުމަކީ، ކޮންމެ މުޖްތަމަޢަކުންވެސް މަސައްކަތްކުރަންޖެހޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޙަޤީޤަތުގައި ޤައުމެއްގެ ސީދާ ފޭރާން ފެނިގެންދަނީ، ރައްޔިތުންގެ ތެރޭގައި ތިބި ކުށްވެރިންނާ ގުޅޭގޮތުން އެ ޤައުމެއްގެ ސަރުކާރުން ޢަމަލުކުރާ ގޮތްތަކުންނެވެ.
ޒަމާނުއްސުރެ ފެށިގެން ރާއްޖޭގެ ޖަލުތަކުގައި ޤައިދީންނަށް ނުހަނު ގިނަ އަނިޔާތައް ކުރެވެމުންދިޔަކަން
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެ އަނިޔާތައް ދެމުން ގެންދިޔައީ، އެއްވެސް ހާލެއްގައި ކުށްވެރިން ކުރާ ކުށަކާ ގުޅިގެން ނޫން ކަމުގައި ވިދާޅުވިއެވެ. އަނިޔާ ކުރުމުގެ އެންމެބޮޑު ބޭނުމަކީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމާއި، ސަރުކާރާ ގުޅޭގޮތުން ފާޑުކިޔުމާއި، ވެރިކަމަށް ކުޑަވެސް ލޮޅުމެއް އަރާފާނެ ކަމެއް، މީހެއްގެ ޢަމަލަކުންވެސް އަދި އިޝާރާތަކުންވެސް ފެނުނަ ނުދިނުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ސަރުކާރު ހިންގުމާ ޙަވާލުވެވަޑައިގެންނެވިއިރު، ޖަލު ފެނިފައި އޮތީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދެވަނަ ފުރްޞަތުގެ އުޞޫލުތަކުގެ ތެރެއަށް ޤާނޫނީ ހަމަތައް މިހާރު ގެނެވިފައިވާކަން ފާހަގަކުރައްވަމުން، ދެވަނަ ފުރްޞަތެއް ދިނުމަކީ، ކޮންމެހެން ބޭނުން ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދެވަނަ ފުރްޞަތުގެ ޕްރޮގްރާމް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ޤައިދީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުމަށްފަހު، އެމަނިކުފާނު މަޢުރަޒު ބައްލަވާލެއްވިއެވެ.