އެމްޑީޕީގެ ތަޢުލީމާއި ބެހޭ ކޮމިޓީގެ ހިންގާ ގަވައިދު ފާސްކޮށްފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ތަޢުލީމާއި ބެހޭ ކޮމިޓީގެ ހިންގާ ގަވައިދު ފާސްކޮށްފިއެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި 6 މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ހިންގާ ގަވައިދުގައިވާ ގޮތުން އެ ކޮމިޓީގެ މަޤްޞަދުތަކުގެ ތެރޭގައި، އެމްޑީޕީގެ ތަޢުލީމީ ސިޔާސަތުތައް ތަންފީޒުކުރެވެމުންދާ މިންވަރު ބަލައި އެކަމާގުޅިގެން ތަޢުލީމީ ވަޒީރަށާއި، ޕާޓީގެ ރައީސަށާއި ޗެއަރޕާސަންގެ ސަމާލުކަމަށް ގެންނަން ޖެހޭކަމަށް ކޮމިޓީއަށް ފެނިއްޖެކަމެއް އެފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން، ޕާޓީގެ ސެކްރެޓޭރިއަޓުން ނުވަތަ ދިރާސާކުރާ ކޮމިޓީން ނުވަތަ ޕާލަމެންޓްރީ ގްރޫޕުން އެދިއްޖެހިނދެއްގައި ތަޢުލީމާއި ތަމްރީނާ ބެހޭގޮތުން ލަފައާއި މަޝްވަރާދީ އެހީތެރިވެދިނުމާއި، ޕާޓީގެ މެންބަރުންނަށާއި އެނޫން މީހުންނަށް ޕާޓީގެ ތަޢުލީމީ ސިޔާސަތުތައް ހާމަކޮށްދީ އެއަށް ތާއީދު އިތުރުކުރުމަށް މަސައްކަތްކުރުމާއި، ތަޢުލީމީ ދާއިރާއިން ރައްޔިތުން އުންމީދުކުރާ ކަންކަން ދަނެގަތުމަށް އެމްޑީޕީގެ ދިރާސާކުރާ ކޮމިޓީއާ އެކު މަސައްކަތްކުރުމާއި އެފަދަ ކަންކަން ޕާޓިގެ ސިޔާސަތުގެ ތެރެއަށް ގެނައުމަށްޓަކައި ސިޔާސަތުތައް އެކުލަވާލާ ކޮމިޓީއާއެކު މަސައްކަތްކުރުމާއި، އެމްޑީޕީގެ ތަޢުލީމީ މެނިފެސްޓޯ އެކުލަވާލުމުގައި ޙިއްސާވުން ހިމެނެއެވެ.

މި ގަވައިދުގައިވާ ގޮތުން، މި ކޮމިޓީގައި އޮންނާނީ 3 މަޤާމެކެވެ. އެއީ މުޤައްރިރާއި ނާއިބު މުޤައްރިރާއި ސެކްރެޓްރީގެ މަޤާމެވެ. ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ ތެރެއިން މި މަޤާމުތަކަށް މީހުން ހޮވަންވާނެއެވެ. މި ތިން ފަރާތުގެ އިތުރުން ކޮމިޓީގެ މަސައްކަތްތައް ހިންގުމުގައި ކޮމިޓީގެ މެންބަރުންނާއި ޕާޓީގެ ސެކްރެޓޭރިއަޓްގެ ދައުރުވެސް ވެއެވެ.

މަދުވެގެން ކޮންމެ މަހަކު ތަޢުލީމާއި ބެހޭ ކޮމިޓީގެ 1 ބައްދަލުވުން ބާއްވަންވާނޭ ކަމަށާއި، ބައްދަލުވުމުގެ ކޯރަމަކީ 4 މެންބަރުން ކަމަށާއި، ކޮމިޓީން ކަމެއް ނިންމޭނީ ޙާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ވެސް އެ ކޮމިޓީގެ އަސާސީ ގަވައިދުގައި ވެއެވެ. މީގެ އިތުރުން ކޮމިޓީގެ 3 މެމްބަރަކު ކޮމެޓީގެ ޙާއްޞަ ބައްދަލުވުމެއް ނުވަތަ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް އެދި މުޤައްރިރަށް ލިޔުމަކުން (ސިޓީ، އީމެއިލް، އެސް އެމް އެސް ފަދަ) ހުށަހެޅުމުން އެބައްދަލުވުން ހަމަޖައްސައިދޭންވާނޭ ކަމަށް ވެސް ތަޢުލީމާއި ބެހޭ ކޮމިޓީގެ ހިންގާ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

އެމްޑީޕީގެ ތަޢުލީމާއި ބެހޭ ކޮމިޓީގެ މުޤައްރިރަކީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުސްތަފާ ލުތުފީއެވެ.