އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ޤާނޫނީ ވަކީލު އިންތި ކްރިމިނަލް ކޯޓުން ސަސްޕެންޑް ކުރުމަށް ޢަބްދުﷲ ޤާޟީ ނިންމި މައްސަލަ ހައިކޯޓުން ބާޠިލްކޮށްފި

އިބްރާހީމް ރާމިޒް

majlis-inthi-3

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ޤާނޫނީ ވަކީލު އިމްތިޔާޒް ފަހުމީ (އިންތި) ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން އޭނާގެ މުވައްކިލަކު ތަމްސީލުކުރުމަށް ކުރިމިނަލް ކޯޓަށް ޙާޒިރުވެ ވަކާލާތުކުރަމުން ދިޔަ މައްސަލައެއްގައި، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު، އޭނާ (އިންތި) ސަސްޕެންޑްކޮށްފައިވާތީ، އެ ސަސްޕެންޝަނަކީ ޤާނޫނާއި ޚިލާފް ސަސްޕެންޝަނެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި އިއްޔެ ހައިކޯޓުން ކުރި ޙުކުމްގައި ސަބަބު ބަޔާންކުރުމަށް ފަހު ބުނެފައިވަނީ “އިސްވެ ބަޔާންކުރެވުނު ޤާނުނީ އަދި ޝަރުއީ ސަބަބުތައް އެހެން ހުރުމާއި އެކު 21 ފެބްރުއަރީ 2010 ގައި އިމްތިޔާޒު ފަހުމީ 6 ހައެއް މަސް ދުވަހުގެ މުއްދަތަކަށް ޖިނާއީ ކޯޓުން ބަލައިނުގަންނާނެ ކަމަށް ނިންމަވާފައިވާ ނިންމެވުން އިސްތިއުނާފު ކުރުމަށް މ.އަފްޒާ / މާލެ އިމްތިޔާޒު ފަހުމީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމެވުމަކީ މިފަދަ މައްސަލަތަކުގައި އަމަލުކުރުމަށް އޮންނަ ޤާނުނީ ހަމަތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށް މައްސަލަ. ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، 21 ފެބްރުއަރީ 2010 އިން ފެށިގެން އިމްތިޔާޒު ފަހުމީ ހައެއް މަސްދުވަހުގެ މުއްދަތަކަށް ޖިނާއީ ކޯޓުން ބަލައިނުގަންނާނެ ކަމަށް ނިމްމަވާފައިވާ ނިންމެވުން ބާޠިލްކޮށް އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ”.

މި ޙުކުމް އިއްވުމުގައި ހައިކޯޓުން ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި ބަޔާންކުރައްވާފައިވަނީ ޤާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހުޅުވިގެންވާ ދިމިޤްރާތީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށް ރިޢާޔަތްކުރަން ޖެހޭނޭ ކަމާއި، މި ގޮތުން ޑިއު ޕްރޮސެސް ނުވަތަ ޕްރޮސީޖަރަލް ފެއަރނެސް ޤާއިމް ކުރެވިފައި އޮންނަން ޖެހޭނޭ ކަމާއި، މައްސަލައެއްގައި ޤާނުނުން ކަނޑައަޅާ އަދަބު އެފަރާތަކަށް ދެވޭނީ އެމައްސަލައެއް ނިންމުމުގައި ޑިއު ޕްރޮސެސް ނުވަތަ ޕްރޮސީޖަނަލް ފެއާނަސް ޤާއިމްކުރެވިފައި އޮވެގެންކަމަށް ޑިމޮކްރެޓިކް ޤައުމުތަކުގެ ކޯޓްތަކުން ނިންމާފައިވާ މައްސަލަތަކުގެ ޙުކުމްތަކަށް ބެލުމުން އެނގޭކަމާއި އެގޮތުން އެމީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އަޅާނަމަ އެމީހަކާމެދު އެޅި ފިޔަވަޅެއް އެމީހަކަށް އަނގަބަހުން ނުވަތަ ލިޔުމުން އެ ފިޔަވަޅެއް އަޅަން ޖެހުނު ސަބަބުތަކާއެކު އަންގަންޖެހޭނެކަމަށާއި، އިމްތިޔާޒު ފަހުމީ އާއިމެދު ޖިނާއީ ކޯޓުން އިދާރީ ފިޔަވަޅު އެޅުއްވިއިރު، އިމްތިޔާޒު ފަހުމީއަށް އެކަން އަނގަބަހުން ނުވަތަ ލިޔުމުން ނަމަވެސް އަންގަވާފައި ނުވާކަމާއި އެހެންނަމަވެސް އެކަމާ ބެހޭ މަޢުލޫމާތު ޖިނާއީ ކޯޓަށް ހަވާލާދީ ދިވެހިރާއްޖޭގެ ބައެއް މީޑިއާތަކުން އާންމުކޮށްފައިވާކަމުން، ހުޅުވިގެންވާ ދީމިޤްރަތީ މުޖުތަމަޢުތަކުން ޢަމަލުކުރާ އުސޫލުތައް ތަތުބީޤުކުރާއިރު، މި މައްސަލައިގައި ޑިއު ޕްރޮސެސް ނުވަތަ ޕްރޮސީޖަރަލް ފެއާނަސް ޤާއިމުކުރެވިފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

އިންތި 6 މަސް ދުވަހަށް، ވަކީލެއްގެ ގޮތުން ކްރިމިނަލްކޯޓަށް ޙާޒިރު ނުވެވޭގޮތަށް ސަސްޕެންޑްކުރީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ބެއްލެވި މައްސަލައެއް ކަމުގައިވާ މ.އެންދެރިމާގޭ ގައި ސިޔާސީ ޖަގަހައެއް ހިންގި ދުވަސްވަރު މީހަކު އެގޭ ކައިރީ މަގުމައްޗަށް ކުކުޅުބިހެއް އެއްލި ކަމަށް ބުނެ އެ ޖަގަހައަށް ދިޔަ މީހަކު ހުށަހެޅި މައްސަލައެއްގައި ތުހުމަތުކުރެވުނު މީހާގެ ވަކީލެއްގެ ޙައިސިއްޔަތުން އިންތި ކޯޓަށް ވަޑައިގަތުމުން، އެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގެ ތެރޭގައި، ޢަބްދުﷲ ގާޒީގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ.

އެދުވަހުގެ ޝަރީޢަތުގެ އަޑުއެހުމުގައި އިންތި ވަކާލާތުކުރެއްވީ ކޯޓުން ދެއްވި ލިޔުމުގައި އިންތިގެ މުވައްކިލުގެ ނަން 2 ފަހަރު 2 ގޮތަށް ލިޔެފައި އޮތުމުންނާއި، އެޑްރެސް ލިޔެފައި ނެތުމުންނާއި އަދި އައިޑީ ކާޑު ނަންބަރު ލިޔެފައި ނެތުމުން އެކަމަކީ ދަޢުވާލިބޭ މީހާގެ އައިޑެންޓިޓީ ސާފުނުވާ ކަމަކަށްވާތީ ކަމަށް ވިދާޅުވެއެވެ. އެ “ކުކުޅު ބިހުގެ މައްސަލަ” ވެސް މިހާރު ވަނީ ސާބިތުނުވާ މައްސަލައެއްގެ ގޮތުގައި ނިމިފައެވެ.

ޢަބްދުﷲ ޤާޒީ އަކީ އޭނާގެ މައްޗަށް ސުލޫކީ ގިނަ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅި، އަދި އޭގެތެރެއިން އެއް މައްސަލައެއް ގައި އެ ކޮމިޝަނުން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ދާދިފަހުން ނިންމާފައިވާ މީހެކެވެ. އަދި ދާދި ފަހުން އޭނާ ޕަބްލިކް ފޯރަމެއްގައި އޭނާ އަމިއްލައަށް އޭނާ ނިސްބަތްވާ ކޯޓަށް، “ސިޔާސީ ކެމްޕެއިން ޖަގަހައެއް” ގެ ގޮތުގައި ސިފަކޮށްފައިވާ މީހެކެވެ. މި ކަމަކީ ވެސް ކޯޓުތަކުގެ ހުރުމަތް އޭނާ އަމިއްލައަށް ކަނޑާފައިވާ ކަމަށް ގިނަބަޔަކު ބުނަމުންދާ ކަމެކެވެ. ޢަބްދުﷲ ޤާޟީ އަކީ، އޭނާ ޝަރީޢަތް ހިންގުމުގައި އަޚްލާޤީ އަދި ސުލޫކީ މައްސަލަތައް ހުރި ފަރާތެއް ކަމަށް ވިދާޅުވެ، ކުރީގެ ސަރުކާރުގެ ބަންޑާރަނައިބު ވެސް ކުރީގެ ރައީސް މައުމޫނަށް އެ މައްސަލަ ހުށަހަޅާފައިވާ ފަރާތެކެވެ.

އިންތިއާ އެއްކޮޅަށް މި މައްސަލަ ހައިކޯޓުން ނިންމާފައިވާއިރު، ހައިކޯޓުން މި މައްސަލަ އިސްތިޢުނާފްކޮށް ނިންމާފައި މިވަނީ އެ މައްސަލަ ހުށަހެޅިތާ 1 އަހަރާއި 8 މަސް ދުވަސް ފަހުންނެވެ.