ކެލާ ދާއިރާގެ ފިއްލަދޫ ގޮނޑިއާ މަތިވެރި ދާއިރާ އިން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާ ދެ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ޙަވާލުކުރުން އެމްޑީޕީގެ މައި އޮފީހުގައި ބާއްވައިފި

ފަހަލަ ސަޢީދު

ހއ.ކެލާ ދާއިރާގެ ފިއްލަދޫ ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑިއާއި އއ. މަތިވެރި ދާއިރާގެ މަތިވެރީ ރަށު ކައުންސިލުން ހުސްފައިވާ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޕާޓީގެ ޓިކެޓް އެ ދެފަރާތާ ޙަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު މެންދުރު އެމްޑީޕީގެ މައި އޮފީހުގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި އެ ދެބޭފުޅުންނާ ޕާޓީގެ ޓިކެޓް ޙަވާލު ކޮށް ދެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ނާއިބު މުގައްރިރު އަލްފާޟިލް މުހައްމަދު ރަޝީދު (ބިގޭ) އެވެ.

ކެލާ ދާއިރާގެ ފިއްލަދޫ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ކުރިންވެސް އެދާއިރާ ތަމްސީލުކުރުމަށް އެރަށުގެ ރައްޔިތުން އިންތިޚާބުކުރި ޑީއާރުޕީގެ ކެންޑިޑޭޓު ފިއްލަދޫ އާދަމް އީނާޒެވެ. އއ.މަތިވެރި ދާއިރާގެ މަތިވެރީ ރަށު ކައުސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދާކުރައްވާ ކެންޑިޑޭޓަކީ މަތިވެރި އިސްމާއީލް ޢާޠިފް އެވެ. މިރަސްމިއްޔާތަށް ފަހު އެދެބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވާ އެދާއިރާގެ ރައްޔިތުންނަށް ވަނީ އުފާވެރި ޚަބަރެއް ދެއްވާފައެވެ. އާދަމް އީނާޒް ވިދާޅުވިގޮތުގައި އޭނާ ކުރިން އެގޮނޑިއަށް ރައްޔިތުން ހޮއްވަވައި ދެއްވީ ވަރަށް ފޮނި އުންމީދު ތަކަކާއިއެކުގައި ކަމަށާއި، ނަމަވެސް އެފަހަރު ރައްޔިތުން އެ ހޮއްވަވައި ދެއްވީ ރައްޔިތުންގެ ވިންދާ ރޫޙަށް އިހުތިރާމް ނުކުރާ ޕާޓީއެއް ތަމްސީލުކުރަން ކަމުން އެޕާޓީ ދޫކޮށް ރައްޔިތުން އެދިފައިވާ ކަންކަން ކޮށްދިނުމަށް އަތުކުރި އޮޅާލާފައިވާ ހަމައެކަނި ޕާޓީ އެމްޑީޕީގެ ޓީކެޓްގައި ވާދަކުރަން މިނުކުންނަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދެވޭނޭ ލަޔާގަތާ ގާބިލިއްޔަތު ކަން ހުރީމައިކަމުގައެވެ.

ހަމަ އެހެންމެ މަތިވެރި ދާއިރާގެ މަތިވެރި ރަށު ކައުސިލުގެ ގޮނޑިއަށް މަތިވެރި އިސްމާޢީލް ޢާޠިފް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ނިންމެވީ އެމްޑީޕީ އަކީ މެނިފެސްޓޯއެއް ތަންފީޒު ކުރަމުންދާ ޕާޓީއަކަށް ވާތީ ރައްޔިތުން އެދޭކަންކަން ކުރެވޭނީ އެފަދަ ވަޢުދެއް ހިފައިގެން އައިސް ތިބި ބަޔަކާ ބައިޢަތުހިފައިގެން ބުއްދިއަށް ފެންނާތީކަމުގައެވެ. އެހެންކަމާއެކު ރައްޔިތުންގެ ވިންދާ ރޫހަށް އިޙުތިރާމުކޮށް އެމްޑީޕީގެ ވަޢުދުތައް ތަންފީޒު ކުރުމަށްޓަކާ ރައްޔިތުންނާ ސަރުކާރާއެކުގައި އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރާނޭކަމަށާއި އެމްޑީޕީން ޙާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑި ޙާޞިލް ކުރުމުގައި ސަރުކާރާގާތް ގޮތެއްގައި މަސައްކަތް ކުރެވޭނީ ސަރުކާރު ހިންގާޕާޓީއާ ގުޅިގެން ކަން ވިސްނަވާ ވޯޓު ދެއްވުމުގައި މިނުކުތާތަކާމެދު ރައްޔިތުން ސަމާލުވެއްވުމަށް ދަންނަވަން ބޭނުންފުޅުވެލައްވާ ކަމުގައި އިސްމާޢީލް ޢާޠިފް ވިދާޅުވިއެވެ.