އެމްޑީޕީގެ ކެމްޕެއިނާއި ގުޅުންހުރި 5 ކޮމިޓީއަކާ އެކު އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު މިއަދު ބައްދަލުވުމެއް ބާއްވައިފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެމްޕެއިނާއި ގުޅުންހުރި 5 ކޮމިޓީއަކާ އެކު އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު މިއަދު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މިއަދު މެންދުރު އެމްޑީޕީ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މެންބަރޝިޕާއި ކެމްޕެއިން ކޮމިޓީގެ އިތުރުން އެމްޑީޕީގެ މިޑިއާ ކޮމިޓީ އާއި، އިންތިޒާމްކުރުމާއި ބެހޭ ކޮމިޓީ އާއި، މާލިއްޔަތާއި ޗަންދާ ކޮމިޓީ އާއި، ދަތުރުފަތުރާއި ބެހޭ ކޮމިޓީން ވަނީ ބައިވެރިފައެވެ.

މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރިޔަށްހުރި ކެމްޕެއިން ޙަރަކާތްތައް ހިންގުމަށް ކެމްޕެއިން ކޮމިޓީއަށް އެހީތެރިވުމަށް ކޮންމެ ކޮމިޓީއަކުން 2 މެންބަރުން ހޮވުމަށް ފަހު އެ މެންބަރުންގެ މައްޗަށް އެކުލެވޭޚާއްސަ ކޮމިޓީއެއް ނެގުމަށް ހަމަޖެއްސިއެވެ. އަދި ވީހާ ވެސް އަވަހަށް ރަށްރަށަށް ދަތުރުކޮށް، އެ ރަށްރަށުގައި ޕާޓީގެ ޙާލަތުހުރިގޮތް ދެނެގަތުން މުހިންމު ކަމަށް މިއަދުގެ ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ލޯކަލްކައުންސިލް އިންތިޚާބުގެ ކުރިޔަށްހުރި ބައި އިލެކްޝަންތައް ކާމިޔާބުކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި، މެންބަރޝިޕްޑްރައިވެއް ފެށުމާއި، 2013 ގެ ކެމްޕެއިން ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި ބެހޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.