އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުޤައްރިރަކަށް ޑރ.ޝަހީދު އަދި ނައިބު މުޤައްރިރަކަށް އަސްލަމް ޝާކިރު ޢައްޔަންކޮށްފި

އިބްރާހީމް ރާމިޒް

a041686

އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުޤައްރިރަކަށް އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް އަދި އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެލުމަށް އދ. އިން ކަނޑައަޅާފައިވާ ރެޕަޓުއާ ޑރ. އަޙުމަދު ޝަހީދު އަދި ނައިބު މުޤައްރިރަކަށް އެމްޑީޕީގެ ދިއްގަރު ދާއިރާގެ ރައީސް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއަރޒް އަސްލަމް މުޙައްމަދު ޝާކިރު މިއަދު ޢައްޔަންކޮށްފިއެވެ.

އެމްޑީޕީ އޮފީހުގެ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މި 2 ބޭފުޅުން ވެސް އައްޔަންކޮށްފައިވަނީ އެ ކޮމިޓީއަށް ޙާޒިރުވި 7 މެންބަރުންގެ އިއްތިފާޤުންނެވެ. މި ކޮމިޓީގައި ތިއްބަވަނީ ޖުމްލަ 11 މެންބަރުންނެވެ.

މިއަދުގެ ޖަލްސާ ގައި މި ކޮމިޓީގެ ހިންގާ ގަވައިދު ފާސްކުރެވެންދެން ކޮންމެ ބުދަ ދުވަހަކު 2.30 ގައި ކޮމިޓީ ބައްދަލުވުން ބޭއްވުމަށާއި، ހިންގާ ގަވައިދު ފާސްކޮށް ނިމުމުން ކޮންމެ މަހެއްގެ ފުރަތަމަ ބުދަދުވަހު ކޮމިޓީގެ ބައްދަލުވުން ބާއްވާ ގޮތަަށް މިއަދު ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ހަމަޖެއްސުމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކަށް ހުށަހެޅުއްވުމަށް ވެސް މި ކޮމިޓީ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ޙާމިދު ޢަބްދުލްޣަފޫރަކީ މިހާރުވެސް ގެންދަވަނީ އެމްޑީޕީގެ ޑައިރެކްޓަރ އޮފް ފޮރިން ރިލޭޝަންސްގެ މަގާމް ފުރުއްވަމުންނެވެ.