ސަރުކާރުގެ އިދާރާތަކުގައި ކަރަންޓް ބޭނުންކުރުމުގައި ކުރެވޭ އިސްރާފު ނައްތާލުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި

ސާކް ސަމިޓް ކާމިޔާބު ސަމިޓަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ވަޒީރުންގެ މަޖިލީހުން ޝުކުރުއަދާކުރައްވައިފި

cabinet

ސަރުކާރުގެ އިދާރާތަކުގައި ކަރަންޓް ބެނުންކުރުމުގައި ކުރެވޭ އިސްރާފު ނައްތާލުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މި ޕްރޮގްރާމް މާދަމާ އިފްތިތާޙް ކުރެއްވުމަށާއި، މިނިވަން މުއައްސަސާތައްވެސް މި ޕްރޮގްރާމުގައި ބައިވެރިކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އޮފީސްތަކުގައި ކަރަންޓް ބޭނުންކުރެވޭގޮތް ބައްލަވައި، މެނޭޖް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގައި ކަރަންޓް ބޭނުން ކުރެވޭ ގޮތްތައް ބައްލަވައި، މެނެޖް ކުރެއްވުމަށް އެ މިނިސްޓްރީން ކުރެއްވި ދިރާސާއެއް، މިއަދުގެ ޖަލްސާގައ މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، އެމިނިސްޓްރީގައި ކަރަންޓް ބޭނުންކުރެވޭ ގޮތް ބައްލަވައި، މެނެޖް ކުރެއްވުމުގެ ސަބަބުން ކަރަންޓްގެ ޚަރަދުގެ 24 އިންސައްތަ ސަލާމަތް ކުރެވިފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވެ، އެޅުއްވި ފިޔަވަޅުތަކުގެ ތަފްޞީލު މަޖިލީހަށް ދެއްވިއެވެ.

މީގެ އިތުރުން ސާކް ސަމިޓް ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކުންނާއި، އެކިއެކި ކުންފުނިތަކުންނާއި، އަމިއްލަ ފަރުދުން ކުރެއްވި މަސައްކަތްތައް ވަޒީރުންގެ މަޖިލީހުން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ވަޒީރުންގެ މަޖިލީހުން މިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ނައިބު ރައީސާއި، ކެބިނެޓް މެންބަރުން ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން އެދޭފަދަ ނަތީޖާތަކެއް ނެރެވުނު ކާމިޔާބު ސަމިޓަކަށް މި ސަމިޓް ހެދުނީ، ވަރަށްގިނަ ފަރާތްތަކެއްގެ މިންނެތް މަސައްކަތުން ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ސާކް ސަމިޓަށް ތައްޔާރުވުމަށާއި، ސަމިޓްގެ ޖަލްސާތައް ކުރިއަށް ގެންދެވުމުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅާއި، ދެއްކެވި ނަމޫނާ، ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރާއި މުބާރަކްބާދީ ދެންނެވިއެވެ. އަދި ސަމިޓާ ގުޅިގެން ހިންގެވި މަޝްރޫޢުތައް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ހިންގަވައިދެއްވި ހުރިހާ ފަރާތްތަކަށްވެސް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން، ސަރުކާރުގެ އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުގެ އެކިއެކި މުވައްޒަފުންނާއި، ޚާއްޞަކޮށް، އެމް.އެން.ޑީ.އެފް.އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އަމިއްލަ ކުންފުނިތަކާއި، ޖަމްޢިއްޔާތަކާއި، އައްޑޫސިޓީގެ ރައްޔިތުންނާއި، ފުވައްމުލަކު ރައްޔިތުންނާއި، މިދެއަތޮޅުގެ ކައުންސިލް މެންބަރުން ކޮށްދެއްވި މަސައްކަތްތަކާއި، ސާކް ޓާސްކްފޯހުން ކުރެއްވި މަސައްކަތްތައް ނައިބު ރައީސް ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.