އެމްޑީޕީގެ އާންމު ޖަލްސާ އެއް މިރޭ އޮންނާނެ

– މި ޖަލްސާ ޚާއްސަކޮށްފައި ވަނީ އެންދެރިމާގެއިން ލަކުޑިބުރިއަކުން ޖަހާ ޒަޚަމްކޮށްލި ޒުވާނާގެ ހައްގު ހޯދުމަށް މަސައްކަތްކުރުމަށް

އިބްރާހީމް ރާމިޒް

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން ... ފޮޓޯ އަނދާ
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން ... ފޮޓޯ އަނދާ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އާންމު ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަށް އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދު ކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ހާޒިރުވެދެއްވުމަށް އެ ޕާޓީން އެދެއެވެ.
މިރޭ (25 އޮކްޓޯބަރ 2011 ވާ އަންގާރަ ދުވަހުގެ ރޭ) ގެ ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި އަދި ބައެއް ވަޒީރުން ވެސް ވާހަކަފުޅުދައްކަވާނެއެވެ.

މި ޖަލްސާ ޚާއްސަކޮށްފައި ވަނީ އެންދެރިމާގެ ކައިރީގައި ހުއްޓާ މިދިޔަ ބުރާސްފަތި ދުވަހު އެގެއިން ލަކުޑިބުރިއަކުން ޖަހާ ބޮޑެތި ޒަޚަމްތަކެއްދިން ހުސައިން ހަސަންގެ ހައްގުތަކަށް ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލައި، އެ ޒުވާނާގެ ހައްގު ހޯދުމަށް ގޮވާލުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވިއެވެ.

އެމްޑީޕީގެ އާންމު ޖަލްސާ އެއް ރޭ ވެސް އެ ޕާޓީގެ ހަރުގޭގައި ބޭއްވިއެވެ. މި ޖަލްސާ ގައި އެ ޕާޓީގެ މަިޖިލިސް މެންބަރުންނާއި، އެ ޕާޓީއަށް ނިސްބަތްވާ ބައެއް ޤާނޫނީ ވަކީލުން ވެސް ވާހަކަދެއްކެވިއެވެ.