މެންބަރުންގެ ޚިޔާލު: ހެލްތު ދާއިރާ ފެއިލްވެފައިވާނަމަ ފެއިލްވެފައިވަނީ ކުރީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން!

ފުނަމާ

ބުރާސްފަތި ވިލޭރޭ ޓީވީ ޗެނަލެއްގައި މިސަރުކާރުން ކުރާ ކޮންމެ ކަމަކީ ތާކުންތާކު ނުޖެހޭ ކަމެއްކަމުގައި ވާހަކަ ދެއްކުމުގެ ޒިންމާ ނަގައިގެން އެކަމާ ހަވާލުވެތިބި ބަޔަކު އަރައި ސަރުކާރުން އުފައްދަވާފައިވާ ހުރިހައި ހެލްތު ކޯޕަރޭޝަންތައް އުވާލުމަށް ގޮވާލަމުން ގެންދިޔައިރު މިއަދު މިއޮތް ހާލަތަށް ރާއްޖޭގެ ސިއްހީ ހާލަތު ވެއްޓުނީ ކީއްވެގެންކަން އެމީހުންނަށް ނޭނގޭތީވެ ހިތާމަކުރަމެވެ.
މިސަރުކާރުން އެއްވެސްކަމެއް ކުރަނީ ދެދުވަހަށް ވިސްނައިގެން ނޫންކަން އެންމެންނަށްވެސް އެނގެއެވެ. އިންތިޚާބަކާ ދިމާކޮށް ދައުލަތުން ފައިސާތަކެއް ޗާޕުކޮށް ކުއްލިއަކަށް ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ނަންބޯޑު ބަދަލުކޮށް ހެލްތުޕޯސްޓުތައް މަރުކަޒުތަކަށް ބަދަލުކޮށްލައި ދެތިންމަހަކަށް ޑޮކްޓަރުންނާއި ނަރުހުން ބޭރުންގެނެސް ސިޔާސީ ގޭމެއް ކުޅުނުއިރު މިކަންކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ނުހިންގޭނެ ކަމެއްކަން އެދުވަހު އެކަންކުރި މީހުންނަށްވެސް އެނގެއެވެ. އެކަމަކު ވެރިކަމުގެ ދަހިވެތި ކަމުގައި އިންތިޚާބު ކާމިޔާބު ކުރުމުގެ އުކުޅެއްގެ ގޮތުން މިކަންކުރި ބަޔަކަށް އެފުރުސަތު ގެއްލުމުން މިއަދު މިސަރުކާރުން އެގެންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ޚިދުމަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައި އެކަމަށް ކުރާންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.
މީގެކުރީން ސަރުކާރުން ކައުންސިލަރުން ލައިގެން ރަށްތައް ހިންގަމުން ގެންދިޔައިރު އެކައުންސިލަރުންނަކީ ލިޔަންކިޔަން ނުދަންނަ ތަނެއްދޮރެއް ނުދަންނަ ސިޔާސީ އެކްޓިވިސްޓުން ކަމުގައި ގޮވަމުން ގެންދިޔަ އަޑު އެހީމެވެ. މިއަދު އެގޮވެލިތައް ގޮވިމީހުންގާތު އަހާލަން އޮތީ އިދިކޮޅު ފަރާތްތަކުގެ ނަމުގައި މިއަދު އެތިބަ ކައުންސިލަރުންނަކީ ކިހާވަރެއްގެ ގުރޭޖުއޭޓުންތޯއެވެ؟ ޔަގީނުންވެސް ރަށްރަށުގެ އިންޖީނުގެތަކުގެ ކަރަންޓުގެ އަގުބޮޑުކުރުމާ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާގޮތަށް ސަރުކާރުގެ ޕުރޮޖެކްޓުތައް ހުއްޓުވާލުމާ ސަރުކާރާ އިދިކޮޅަށް ގަރާރު ނެރުމުގައި އެފަދަ ދެވަނައެއް ނުވާފަދަ ގާބިލް ބައެއް ކަމުގައި އެމީހުން ބެލެވިދާނެއެވެ.
ޕުރޮގުރާމުގައި ދ އަތޮޅުގެ ހޮސްޕިޓަލުގައި ހުރި މީހަކު ވަކިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އެމަގާމަށް ގެނައި ވާހަކަ ދެއްކިއިރު ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން އަދި މަސައްކަތްވެސް ނުފަށައެވެ. ކުޑަހުވަދޫގެ ހޮސްޕިޓަލުގައި ބަލިމީހަކު ދައްކާނެ ޑޮކްޓަރަކު ނެތްއިރު މިއަދުވެސް އެހޮސްޕިޓަލު އެހިންގަނީ ކުރީސަރުކާރުން އެކުލަވާލާފައިވާ އޮނިގަނޑާ އުސޫލުތަކާ އެއްގޮތަށެވެ. ގައިމުވެސް މ ފ ދ މިތިން އަތޮޅުގައިވެސް އެތިބީ ހަމަ ސިވިލްސާވިސްގެ މުއައްޒަފުންނެވެ. އިތުރު އެއްވެސް ބަދަލެއް އަދިގައިމުވެސް ނާދެއެވެ. ވީމާ ހެލްތު ކޯޕަރޭޝަންއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކަންއޮތްގޮތް ބަލާނުލައި ހިތުހުރި ގޮތަކަށް ވާހަކަ ދެއްކުމަކީ ތާކުންތާކު ނުޖެހޭ ކަމެކެވެ. ހަމައެކަނި ބިރުން އެއުޅެނީ މިހާރު މިކަހަލަ ބައެއް ތަންތަނުގައި ސަރުކާރުންދޭ ޚިދުމަތްތައް ރައްޔިތުންނާ ހަމަޔަށް ގެނެޔަ ނުދިނުމަށް ތިބި އިދިކޮޅު ފަރާތްތަކުގެ މަސްލަހަތު އޮންނަ ބައެއްމީހުންނަށް ކޯޕަރޭޝަންތައް އައުމުން އެފުރުސަތު ގެއްލޭނެތީ ކަމުގައި ވެދާނެއެވެ. އަދި ފަހަރެއްގައި އެފަދަ މީހުން އެމީހުންގެ އަތުން ދޫކޮށްލައި އެހެން ބައެއްގެ އަތުގައި ހިފައިފާނެ ކަމުގެ ބިރުވެރިކަން ހިތައް ވަދެގެން ކަމުގައިވެސް ވެދާނެއެވެ.
ކޯޕަރޭޝަންތައް ހަދައިގެން ވިޔަފާރި އުސޫލުން އަގުނަގާ ވާހަކަ އެދައްކާއިރު އަންނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސަކު ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައިވެސް އައިޑީ ކާޑު ދައްކާލާފައި ހިލޭ ޚިދުމަތް ލިބިގަނެގެން ދާނެކަން އިދިކޮޅު މީހުންނަށް މިހާރު ކަށަވަރުވާނެއެވެ. މިއަކީ އެމީހުންނަށް ހަޖަމު ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެކަމަކު މިސަރުކާރުން މިކަންކަން ކުރާނެއެވެ. އިރާދަ ކުރެއްވިއްޔާ ﷲގެ މިންވަރު ފުޅާއެކު ދިވެހި ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ކޮންމެ ވައުދެއް ފުއްދައިދެވޭތޯ ބަލައި ފުރިހަމަ ކުރާނެއެވެ. މިކަމާ އިދިކޮޅު ފަރާތްތަކުން ކިތަންމެ ހިތްދަތިވިޔަސް ކުރާނެ ކަމެއް ނެތެވެ. މިންވަރުފުޅެވެ. ޝުކުރުކޮށްލާށެވެ. ތިމާމެންގެ އަތުގައި ފުރުސަތު އޮތް ދުވަހު އެއްކަމެއްވެސް ފެންހިފާ ގޮތަކަށް ކުރެވިފައެއް ނެތެވެ.