ގދ. ނަޑެއްލާ އިންޖީނުގޭ މެނޭޖަރަށް ބަޔަކު ދިން ހަމަލާ އެދާއިރާގެ މެންބަރު ނާޒިމް ކުށްވެރިކުރައްވައިފި

ހަމަލާ ދީފައިވަނީ ޑީއާރުޕީގެ އެކްޓިވިސްޓުންތަކެއްކަން ޔަގީންވޭ – ނަޑެއްލާ އެމްޑީޕީ ފޯކަލް ޕޮއިންޓް

އިބްރާހީމް ރާމިޒް

ahmed-ali-450-x-300ނަޑެއްލާ އެމްޑީޕީ ފޯކަލް ޕޮއިންޓެއްގެ ގޮތުން މަސައްކަތްކުރައްވާ އަހުމަދު އަލީ – ރޭ ބަޔަކު ވަނީ އަހުމަދު އަލީއަށް ހަމަލަދީފައި.. އެމްޑީޕީ ފައިލް ފޮޓޯ

ނަޑެއްލާގެ އެމް.ޑީ.ޕީ ގެ ފޯކަލް ޕޮއިންޓް އަދި އަޕަރސައުތުޔުޓިލިޓީސް ގ.ދ. ނަޑެއްލާ ބްރާންޗް އިންޖީނުގޭ މެނޭޖަރ އަޙްމަދު އަލީ އަށް ބަޔަކު މީހުން ރޭ ދިން ހަމަލާ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނަޑެއްލާ އެދާއިރާއެއް ގައި ހިމެނޭ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ނާޒިމް މިއަދު ވިދާޅުވީ މިއީ ބަޔަކު ރާވައިގެންދީ ފައިވާ ހަމަލާއެއް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން މިކަމާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
“މި ހަމަލާ ރާވާފައިވަނީ ސީދާ ޑީއާރުޕީއަށް ނިސްބަތްވާ ނަޑެއްލާ ކައުންސިލު މެންބަރުން ކަމަށް މުޢުތަބަރު ގޮތަކަށް އަޅުގަނޑަށް ޚަބަރު ލިބިފަވަނީ. މި ފަދަ ލާ އިންސާނީ ޢަމަލުތަކަކީ ކޮންމެ ބަޔަކު ކުރި ކަމުގަ ވިޔަސް ވަރަށް ދަށުދަރަޖައިގެ ޢަމަލުތަކެއް. އަޅުގަނޑު، އަޙުމަދު ޢަލީއަށް ބަޔަކު މީހުން މިދިން ހަމަލަ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މިފަދަ ހަމަލާތައް ތަކުރާރު ނުކުރުމަށް ނަސޭޙަތްތެރިވަން. އަދި މި ކަން ވީހާވެސް އަވަހަށް އިންސާފުވެރިކަމާއެކު ބެއްލެވުމަށް އަޅުގަނޑު އެ ދާއިރާގެ މެންބަރުގެ ޙައިސިއްޔަތުން ފުލުހުންނަށް ގޮވާލަން” އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން އަޙުމަދު ޢަލީ ވިދާޅުވިއެވެ.
އަޙުމަދު ޢަލީއަށް މި ހަމަލަ ދީފައިވަނީ ގާތްގަނޑަކަށް ރޭ 8:15 ހާއިރު ކަމަށާއި، އަދި މި ހަމަލާ ދީފައި މިވަނީ އަޙުމަދު ޢަލީ ރަށުން ބޭރުގައި ހުންނަވާފއި، ރަށަށް ވަޑައިގެންނެވި ވަގުތުގައި ކަމަށް އަޙުމަދު ޢަލީ ވިދާޅުވެއެވެ.

މި ކަން ހިނގުމަށް މެދުވެރިވި ސަބަބެއް ކަމުގައި ލަފާކުރެވެނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ނަޑެއްލާ ސްކޫލް ހޯލުގައި ބޭއްވި އެމް.ޑީ.ޕީގެ ޖަލްސާ ގައި ޑީއާރްޕީ ގެ 5 ކައުންސިލަރުން ތިއްބަވާ ނަޑެއްލާ ކައުންސިލުން އެރަށުގެ ތަރައްޤީއަށް އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް ބުނެ ކައުންސިލަށް އަޙުމަދު ޢަލީ ވަރަށް ބޮޑަށް ފާޑުވިދާޅުވުމުން ކަމަށްބެލެވޭ ކަމަށް ނަޑެއްލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ޖަލްސާގައި ” ދާދި ފަހުން ނަޑެއްލާ ކައުންސިލުން އެކުލަވާލި ތަރައްޤީގެ ޕްލޭންގައި ތާކުންތާކު ޖެހޭ، ބިނާކުރުވަނިވި، އޮއްޓަރުހުރި ކަންތައްތަކެއް ނެތްކަމަށާއި، އެ ޕްލޭން ރައްޔިތުންނާ ހިއްސާކޮށްފައިނުވާއިރު، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ފޮނުވާފައި ނުވާ ކަމަށާއި، އެއީ ލާމަރުކަޒީ ޤާނޫނާ މުޅިން ޚިލާފަށް ނަޑެއްލާ ކައުންސިލުންކޮށްފައިވާ ކަމެއް ކަމަށް” އަހުމަދު އަލީ ވިދާޅުވެފައިވެއެވެ.
” އެޖަލްސާ ބޭއްވި ރޭ ގެ ފަހުން އެކަން ސިއްރު ކުރުމަށް ކައުންސިލުން ބޭނުން ވާލެއް ބޮޑު ކަމުން އެރެއިން ފެށިގެން ތަފާތު އިންޒާރު ތައް އެކިގޮތްގޮތަށް އަޅުގަނޑަށް ދިޔައީ ލިބެމުން. މި ހަމަލާއަކީ މި ރަށުގެ ޑީއާރުޕީގައި ހަރަކާތްތެރިވާ ބަޔަކު ދިން ހަމަލާއެއް ކަމަށް ވަރަށް ޔަޤީންކަމާއި އެކު އަޅުގަނޑަށް ދަންނަވަން ކެރޭ”. ނަޑެއްލާގެ އެމްޑީޕީގެ އެންމެ އިސް އެއް ޙަރަކާތްތެރިޔާ، އަޙުމަދު ޢަލީ ވިދާޅުވިއެވެ.

” އެޜެ ފުރަތަމަ އައިސް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަންފެށީ. ދެން އައިސް ގަޔަށް އަތްލީ. އެތަނުން އެކަކު އަޅުގަނޑު ބޮލު ގަވެސް ޖެހި. މީ ގެ ކުރިންވެސް ޑީއާރުޕީ އެކްޓިވިސްޓުންގެ އިންޒާރުތައް ލިބެމުންދޭ. ހެލްތް ސެންޓަރުގެ މެނޭޖަރ ޙަމްދޫން އަށާއި އަޅުގަނޑަށް މި އިންޒާރުތައް އަންނަތާ މިހާރު ދެތިން ދުވަސް ވެދާނެ. އަދި ސިޔާސީގޮތުން ކޮންމެ ވާހަކައެއް ދެކެވުނަސް ފޯނު ކޮށްފަ ވިސްނައިގެން އުޅުމަށް އިންޒާރު ދިނުންފަދަ ކަންކަން މިހާތަނަށް ތަކުރާރުކޮށް ހިންގާފަ އެބަހުރި ” އޭނާ ވިދާޅުވިއެވެ.
ނަޑެއްލާ ސިއްޙީ މަރުކަޒުގެ މެނޭޖަރ ހަމަދޫން ވިދާޅުވީ އަޙްމަދު އަލީގެ ހަށިގަނޑަށް ބޭރު ފުށުން މާބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށާއި، އަޙުމަދު ޢަލީގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އެވަގުތުން ފެށިގެން ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ހަމްދޫނު ވިދާޅުވިއެވެ.