ފަސޭހަކަމާއެކު ހުޅުމާލެއަށް ދަތުރުކުރެވޭނެ މަގެއް ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-veshifahi

ހުޅުމާލެއަށް ދަތުރުކުރެވޭނެ މަގެއް ހެދުމަކީ، ކުރަންޖެހޭ ކަމެއް ކަމަށާއި، އެއީ ދިވެހި ސަރުކާރަށް ނުހިންގޭވަރުގެ މަޝްރޫޢެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ޙަވާލު ކުރުމަށް ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންމ ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތަކުން އެއަވަށުގައި ގެދޮރު އެޅެންވާއިރަށް، ފަސޭހަކަމާ އެކީގައި ހުޅުމާލެއަށް ދެވޭނެގޮތް ހަމަޖެހިގެންދާނެ ކަމަށާއި، އެހެން ނަމަވެސް، ފެރީގައި އެކަނި ދަތުރުކޮށްގެން މިހުރިހާ ދަތިތައް ފިލުވާލަން އުނދަގޫވާނެ ކަމުގައެވެ. އެހެންކަމުން ފަސޭހަކަމާއެކު ހުޅުމާލެއަށް ދަތުރުކުރެވޭނެ މަގެއް އުފެއްދެވުމަކީ، އަމާޒެއް ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ހިންގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގެދޮރުގެ މަޝްރޫޢުތަކަށް ބައްލަވާލައްވަމުން، ގުޅީފަޅުގެ ދެވަނަ ފޭސް، މިއަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި، ދެވަނަ ފޭސް ފެށުނީމާ، ގުޅީފަޅުގައި ދެހާސް ފައްސަތޭކަ ގެ ޢިމާރާތް ކުރެވިގެންދާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ވައުދުވެފައިވާ ދިހަހާސް ފްލެޓްގެ ތެރެއިން އަށްހާހަށްވުރެ ގިނަ ފްލެޓް ޢިމާރާތް ކުރުމުގެ އެގްރީމަންޓްތައް މިހާރު ކުރެވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގޯއްޗެއް ލިބުނަސް އަދި އެތަނުގައި ޢިމާރާތެއް ކުރެވެން އަންނާނީ، އާމްދަނީވެސް އިތުރުވެގެން ކަމާއި، ރާއްޖޭގެ ތަރައްޤީގެ ދުވެލިވެސް ބާރުވެ، އިތުރު ވަޒީފާތައްވެސް އުފެދިގެންކަން ފާހަގަކުރެއްވިއެވެ. އެހެންވީމާ، ޢާންމު ރައްޔިތުންނަށް ދިހަހާސް ފްލެޓް ދޫކުރުމަށްޓަކައި އިތުރު އަށްހާސް ފައްސަތޭކަ މީހުން ވަޒީފާގެ މައިދާނަށް ނުކުންނަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުކޮށް، ޒުވާނުންނަށް ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި އުޅެވޭނެ ގޮތްތައް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ޑިރެކްޓަރ އާދަމް މަނިކެވެ.