އެމްޑީޕީ އަކީ އަޅުގަނޑު ހުންނާނެ އެންމެ ފަހު ޕާޓީ – ޖާބިރު

1 ޖޫން 2010

އެމްޑީޕީގެ ފިކުރު ކުރިއަރުވައި އެމްޑީޕީއަށް ކާމިޔާބު ހޯދައި ދިނުމުގައި ޤާބިލިއްޔަތުކަން ހުރި ވަރަކުން މަސައްކަތްކޮށްދެއްވާނޭ ކަމަށާއި، އެމްޑީޕީއަކީ އޭނާ ހުންނަވާނޭ އެންމެ ފަހު ޕާޓީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ގއ. އަތޮޅުގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު އެޕާޓީގެ ޕޯޑިއަމްގައި ރޭ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައްޔިތުންނަށް ފަހިވާނެ ގިނަކަންތައްތަކެއް މިސަރުކާރުން ކުރަމުންދާ ކަމަށާއި، މިމަސައްކަތްތައް ހަލުވިކުރުމަށް ސަރުކާރަށާއި، އެމްޑީޕީއަށް ދިމާވެފައިވާ ރައްޔިތުންގެ މަޖިލީހުގައި އަޣްލަބިއްޔަތު ނެތުމުގެ މައްސަލަ ހައްލުކުރުމަށް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް މެންބަރުން އިތުރުކުރެވޭތޯ ވެސް އޭނާ މަސައްކަތްކޮށްދެއްވާނޭ ކަމުގައެވެ.
ސާރކްގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލް އަދި ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ ފުރަތަމަ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދުގެ ފިރިކަލުން ޢަބްދުﷲ ޖާބިރު ރޭގެ ޖަލްސާގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމުގައި އެއްބާރުލުން ނުދޭ ކަމަށާއި، އެނާ މަޖިލިސް މެންބަރެއްގެ ގޮތުންމަސައްކަތްކުރެއްވި އިރު ސަރުކާރުން ރައްޔިތުންގެ ފައިދާއަށް ހުށަހަޅާ ކޮންމެ ކަމަކަށް މަރުހަބާކިޔުއްވައި އެބިލުތަކުގެ މަސައްކަތް ހަލުވިކުރެވޭތޯ މަސައްކަތްކުރެއްވި ކަމުގައެވެ. އަދި މިހާރުވެސް ވަކި ޕާޓީއަކަށް ބެލުމެއްނެތި ސަރުކާރާއި ރައްޔިތުންނަށް ފަހިވާ ގޮތަށް ކަންތައްތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖާބިރު ގޮވާލެއްވިއެވެ.
ރޭގެ ފޯރިގަދަ ޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. އިބްރާހީމް ދީދީ ވެސް ވާހަކަފުޅުދެއްކެވިއެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންވެސް ވާހަކަދެއްކެވިއެވެ. އެގޮތުން ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ޙަމްޒާއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އަދި މަޑަވެލީ ދާއިޜާގެ މެންބަރު މުޙައްމަދު ނާޒިމް ވާހަކަ ދެއްކެވިއެވެ. އެބެފުޅުންގެ ވާހަކައިގައި އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި ސިޔާސީ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.