ކުރެންދޫ ރިސޯޓުގައި އިނގިރޭސިވިލާތުގެ ދެމަފިރިއަކު މަރުވުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި

reeko-moosa

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަަ ދައުރުގެ 27 ވަނަ ޖަލްސާގައި، ޅ. އަތޮޅު ކުރެންދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ދެމަފިރިއަކު ގޮތްނޭނގޭ ކުއްލި އެކްސިޑެންޓެއްގައި މަރުވުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ކުއްލި މައްސަލައެއް އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު (ރީކޯ) މޫސާ މަނިކު މިއަދު ހުށަހަޅުއްވައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު، މިމައްސަލައަށް މަޖިލީހުގައި ބަހުސްކުރައްވަންފެނޭތޯ ވޯޓަށް އަހައި ފާސްވުމުން، މިމައްސަލައަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވުނު ފުރުސަތުގައި ޖުމްލަ 16 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރައްވައި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިބިލް އިޤްތިޞާދީ ކޮމެޓީއަށް ފޮނުއްވާފައިވެއެވެ. ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެއްސެވުމުން ފެންނަކަމަށް 51 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ނުފެންނަކަމަށް 1 މެންބަރަކު ވޯޓުދެއްވާފައިވާއިރު 5 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލުގެ އިބްތިދާޢީ ބަހުސް 1 ގަޑިއިރު ކުރިއަށް ގެންދެވުމަށްފަހު، ބިމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.