އެމްޑީޕީގެ ހުރިހާ އިދާރީ އޮފީހެއްގައި މާދަމާ ހެނދުނު ދިދަނަގާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހުރިހާ އިދާރީ އޮފީހެއްގައި މާދަމާ ހެނދުނު ދިދަނަގާނެއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން، އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ މި ފެށޭ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން (މާދަމާއިން) ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ އިދާރީ އޮފީހެއް ނުވަތަ އިދާރީ ޑެސްކެއް ގާއިމްކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން އިލްތިމާސްކުރައްވާފައިވާތީ، މާދަމާ ހެނދުނު 11.30 ގައި ހުރިހާ ރަށެއްގައި ވެސް އިދާރީ އޮފީސް ރަސްމީކޮށް ހުޅުވައި، ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނޭ ކަމަށެވެ.
” މާދަމާ މި ހުޅުވޭ އޮފީސްތަކަކީ އިދާރީ ގޮތުން ޕާޓީ (އެމްޑީޕީ)ގެ ހިންގުން ހަރުދަނާ ކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު. އިރާދަކުރެއްވިއްޔާ މި އޮފީސްތައް މެދުވެރިކޮށް އަޅުގަނޑުމެންނަށް ރަށްރަށާ މުޢާމަލާތުކުރެވެން ފެށުނީމާ، ޕާޓީގެ އިދާރީ ހިންގުން ވަކި އިންތިޒާމެއްގެ ދަށުން ރޭވިގެން ވަރަށް ފުރިހަމައަށް ހަރުދަނާ ވެގެންދާނޭ ކަމަށް އަޅުގަނޑު މި އުއްމީދުކުރަނީ. މި ފުރުސަތުގަ އަޅުގަނޑުގެ އިލްތިމާސަށް އިޖާބަދެއްވައި ރަށްރަށުގައި އިދާރީ އޮފީސް ގާއިމްކުރުމުގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޮށްދެއްވި މި ޕާޓީގެ މެންބަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.” އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.
އެމްޑީޕީން މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ގޮފީގެ ހިންގާ ގަވައިދުގެ ޑްރާފްޓް އާއި، އިދާރީ އޮފީސް ހިންގުމުގެ ގަވައިދާއި، ދިދަ ފޮނުވާފައެވެ.