ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާޢީ ގުޅުން ހަރުދަނާކުރުމަށް ހިންގިދާނޭ ބައެއް މަޝްރޫޢުތަކާބެހޭ މަޢްލޫމާތު، ކޮލަމްބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލާ ރައީސް ޙިއްޞާ ކުރައްވައިފި.

އިބްރާހީމް ރާމިޒް

maizaan-alibe-hep

ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާޢީ ގުޅުން ހަރުދަނާކުރުމަށްޓަކައި ހިންގިދާނޭ ބައެއް މަޝްރޫޢުތަކާބެހޭ މަޢްލޫމާތު، ކޮލަމްބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލާ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޙިއްޞާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ކޮލަމްބޯ ޕްލޭންގެ އާ ސެކްރެޓަރީ ޖެނެރަލް މައިޒާން އާދަމް މަނިކާ ރައީސް، ބައްދަލުކުރައްވައި އޭޝިޔާ އަދި ސައުތް އީސްޓް އޭޝިޔާ ސަރަޙައްދުގައި، ރާއްޖެގެ އިޤްތިސާދީ އަދި އިޖްތިމާޢީ ގުޅުން ހަރުދަނާކުރުމަށްޓަކައި ހިންގިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބައެއް މަޝްރޫޢުތަކާބެހޭ މަޢްލޫމާތު، ކޮލަމްބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލާ ޙިއްޞާ ކުރެއްވިއެވެ.

މި އަދުގެ ބައްދަލުކުރެއްވުމުގައި މައިޒާން އާދަމް މަނިކު ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ އެއްބާރުލުން އިތުރުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ތަރައްޤީގެ ރޮނގުން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެކަމަށް ކޮލަމްބޯ ޕްލޭންގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.