ސީޕީއޭގެ އަހަރީ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ބައިވެރިވެވަޑައިގެންފި

އިބްރާހީމް ރާމިޒް

moosa

ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) ގެ އަހަރީ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު (ރީކޯ) މޫސާ މަނިކު ބައިވެރިވެވަޑައިގެންފިއެވެ.
ސީޕީއޭގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގެ ތެރެއިން، މިމަހުގެ 25 ވަނަ ދުވަހު ފެށި ކޮމަންވެލްތް ޕާލަމެންޓްރީ ކޮންފަރެންސްގެ ރަސްމީ ޖަލްސާ ގައި ވެސް އެމްޑީޕީގެ ޗެއަރޕާސަން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ކޮންފަރެންސްގައި ކޮމަންވެލްތް އަށް ނިސްބަތްވާ 170 ޤައުމަކާއި ސަރަހައްދެއްގެ ޤާނޫނުހަދާ މަޖިލީސްތަކުގެ މަންދޫބުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި މަޝްވަރާކުރާ މަޢުޟޫތަކުގެ ތެރޭގައި، “ޑިމޮކްރަސީ ހަރުދަނާކުރުން” މިޝިޢާރުގެ ދަށުން ނެގޭ މުހިންމު މައުޟޫތައް ހިމެނެއެވެ. މިގޮތުން މަޝްވަރާކުރެވޭ މައުޟޫތަކުގެ ތެރޭގައި މޫސުމީ ބަދަލު، ފުޑް އެންޑް ވޯޓަރ ސެކިއުރިޓީ އެންޑް ޓްރޭޑް ފަދަ 21 ވަނަ ޤަރުނުގައި ކޮމަންވެލްތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް މިފަދަ މައުޟޫޢުތައް ފާހަގަކުރެވެއެވެ.

reeko-moosa1

އެމްޑީޕީގެ ޗެއަރޕާސަންގެ މިދަތުރުފުޅަކީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އަރިހުގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް އަބްދުﷲ މައުސޫމް އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ.