ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، 8 ބޭފުޅަކަށް އަދި ދިވެހި ދައުލަތުގެ ޢިއްޒަތް، 6 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

އިބްރާހީމް ރާމިޒް

ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، 8 ބޭފުޅަކަށް އަދި ދިވެހި ދައުލަތުގެ ޢިއްޒަތް، 6 ބޭފުޅަކަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ކަނޑައަޅުއްވައިފިއެވެ.

އެގޮތުން ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް، އަންނަ މިނިވަންދުވަހު، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތާއި، ދިވެހި ދައުލަތުގެ ޢިއްޒަތް އަރުވާނެއެވެ. ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް، މި އަރުވާ ޢިއްޒަތަކީ، ޤާނޫނު ނަންބަރު 97/1 ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން އަރުވާ ޢިއްޒަތެވެ.
ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް އިޚްލާޞްތެރިކަމާއެކު، ދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރައްވާފައިވާ ބޭފުޅުން ކޮށްދެއްވާފައިވާ ޚިދްމަތުގެ އަގު، ސަރުކާރުން ވަޒަން ކުރައްވައި، ރާއްޖޭގެ ތާރީޚާއި އާދަކާދައާ އެއްގޮތަށް، އެބޭފުޅުންނަށް ކޮއްޔެއް ލެއްވުމަށް ނުވަތަ ޚާއްޞަ ޝަރަފެއް ނުވަތަ ލަޤަބެއް އެރުވުމަށް ސަރުކާރުން ގަސްތު ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ އިޢްލާނު ކުރެއްވީ، މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މިއަހަރު އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި، މިއަހަރުގެ މިނިވަން ދުވަހު މި ޢިއްޒަތް އެރުވުމަށް ސަރުކާރުން ހަމަޖައްސަވައިފިކަން ވަނީ އިޢްލާނު ކުރައްވާފައެވެ.
މި ޢިއްޒަތް އަރުވާނީ، މިނިވަންދުވަހު ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގައި ބާއްވަވާ ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.