މެންބަރުންގެ ޚިޔާލު: ޢިލްމީ އިންޤިލާބަށް އިހުތިރާމް ނުކުރާބަޔަކަށް ޤައުމެއް ތަރައްޤީކޮށް އާރާސްތު ކުރުމަކީ ކުރެވޭނެ ކަމެއްނޫނެވެ.

ޢިލްމީ އިންޤިލާބަށް އިހުތިރާމް ނުކުރާބަޔަކަށް ޤައުމެއް ތަރައްޤީކޮށް، އާރާސްތު ކުރުމަކީ، ކުރެވޭނެ ކަމެއްނޫނެވެ.
ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައްޗަށް ދިމާވެފައިވާ އިޖްތިމާޢީ އިޤްތިޞާދީ އަދި ސިޔާސީ އެންމެހާ މައްސަލަ ތަކުގެ މައްޗަށް ޙައްލު ހޯދެން އޮތީ، އިންތިގާލީ އަދުލު އިންސާފް ޑިމޮކްރަޓިކް އުސޫލުތަކުގެ ތެރެއިން، ރައްޔިތުން ނަށް ހޯދާ ދެވިގެންނެވެ. ދިވެހި އުއްމަތުގެ މައްޗަށް މިއަދު ކުރިމަތި ވަމުންދާ ހުރިހާ ގޮންޖެހުން ތަކުގެ ސިއްރަކީ ބައެއްގެ މާޟީ ސަފުޙާތައް ކަޝްފުވިޔަ ނުދިނުމުގެ ބޭނުމުގައި އިސްލާހީ ބަދަލުތައް ދުއްވާލުމުގެ ހަރަކާތެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ސިޔާސީ ޢިޖުތިމާޢީ ޢިގުތިޞާދީ ފިކްރީ އެންމެހާ ކަންކަން އިސްލާހުކޮށް، ރަނގަޅު ކުރެވޭނީ އިސްލާމީ ތަރުބިއްޔަތުގެ އިތުރުން ޒަމާނީ ޢިލްމުގެ މައްޗަށް ރާއްޖޭގެ ޒުވާނުން ތަރުބިއްޔަތުކޮށް ހާނުވައި ގެންނެވެ. ޕާޓީއެއްގެ ހައިސިއްޔަތުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ގޮތުން މުޖުތަމަޢުގައި ހުރި މިފަދަ ސިޔާސީ ޢިޖުތިމާޢީ އިޤުތިޞާދީ މައްސަލަ ތަކުގެ މައްޗަށް ހައްލު ހޯދޭނީ ނުވަތަ މިފަދަ ކަންކަމުގެ މައްޗަށް ރަސްމީ ސިފައެއްގައި މަޝްވަރާކޮށް ނުވަތަ ބަހުސް ކުރެވޭނީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރަސްމީ ބައިވެރިން ނަށް އެބަޔަކު ވެގެންނެވެ. އިޙުލާސްތެރި ކަމާއިއެކު، މިހާތަނަށް އެފަދަ ހައިސިއްޔަތު ލިބިފައިނުވާ ފަރާތްތަކުން އެފުރުސަތު ލިބިގަންނާށެވެ. މިހާރަށް ވުރެން ބޮޑަށް ރާއްޖޭގެ ފުރަމާނީ ދުސްތޫރީ ކަނޑުގައި މިފަދަ މައްސަލަ ތަކުގެ މައްޗަށް ހައްލު ހޯދުމަށްޓަކާ އެފަދަ ބައެއްގެ ނާ، ސިޔާސީ ގޮތުން ދުއްވޭނީ މިޒަމާނުގެ ވިސްނުން ތަކުގެ މައްޗަށް ރުޖޫޢަވެ ސިޔާސީ ޕާޓީއެއްގެ ޝަރުޠު ހަމަވެގެންނެވެ. ޒަމާނީ ޢިލްމުގެ ތެރޭގައި ފަރިތަވެ ޢިލްމު ހާސިލް ކުރަމުން ދާ މިރާއްޖެ ފަދަ ޒުވާން ޖީލެއްގެ ތެރޭގައި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދޭނީ 21 ވަނަ ޤަރުނުގެ ޢިލްމީ އިންޤިލާބުގެ މައްޗަށް ވިސްނުން އަމާޒްކުރެވޭ ބަޔަކަށެވެ. ދުނިޔޭގައި އޮތީ ރާއްޖެއެކަނީ ނޫންކަމާއި ދުނިޔޭގެ ވިޔަފާރި ބަވަނަ ކުރުމުގެ ބައިނަލް އަގުވާމީ ސިޔާސަތާއި ބައިނަލް އަގުވާމީ ގުޅުންތަކަށް އިހުތިރާމް ކުރާބަޔަކަށް ދިވެހިން ވެގެންނެވެ. ސޯމާލިއާގައި ތިބި މުސްލިމް ހަނގުރާމަ ވެރިން ފަދައިން، ބަނޑަށް ޖެހޭއިރު ވެސް އދ ގެ އިންސާނީ އެހީ ގަބޫލުނުކޮށް، އެއީ ސަލީބީން ކަމުގައި ދަޢުވާކޮށް، މުޅި ސޯމާލިއާ ބަނޑަށް ޖައްސަމުން ދާ ބައެއްގެ ބީދައިން، އަޅުގަނޑުމެންގެ އެފަދަ ވިސްނުން ކުރިއަށް ނެރެ، ރާއްޖޭގެ ސިޔާސީ ކަންކަމުގެ އެންމެ އުސްކުން ނަށް އެފަދަ ބަޔަކު ވާސިލުވުމަކީ، އެފަދަ ވިސްނުމުގައި ތިބި ބަޔަކަށް މިޒަމާނުގައި މުސްތަހީލް ކަމެކެވެ. ކީއްވެ ހެއްޔެވެ؟ ޒަމާނީ އިލްމާއި ވިސްނުން އެފަދަ ބައެއްގެ މައްޗަށް ނުވަތަ އެފަދަ ކައްޓަރު އުސޫލުތަކުގެ މައްޗަށް ހުރަސް އަޅާނެއެވެ. މިއީ ފިޠުރަތުގެ ޤާނޫނު ނިޔާކުރާގޮތެވެ.
އިސްލާމީ ޙުކުމްތަކާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނޫ އަސާސީގެ ފުރަމާނީ ބާރުތަކާއި އެއްގޮތަށް ދައުލަތުގެ ‘އައުރުދަ’ އަމުރު މަޢުރޫފްގެ ބާރުވެރިކަން އެކަށަ އެޅުމުގެ ކުޅަދާނަ ޢިލްމީ ޤާބިލް ޒުވާނުން މިޤައުމުގައި އެބަތިއްބެވެ. ނަމަވެސް ސުއާލަކީ، ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީ ބައްޓަންވެ އޮތީ ޒަމާނީ ޢިލްމީ ފަލްސަފާގެ މައްޗަށް ތަންދޭ ޢިލްމީ ޤާބިލްކަން ނެރެވޭ ޙިލްމުވެރި ކަމެއްގެ މައްޗަށް ހެއްޔެވެ؟ ހަގީގަތުގައި ހަރުދަނާ ދުސްތޫރީ ވެރިކަމެއްގެ މައްޗަށް މިދައުލަތް ބައްޓަން ކުރެވޭނީ ދުނިޔޭގެ ބޯދާ ޢިލްމު އިންޤިލާބު ކޮށްލި ރެވެލިއުޝަން ތިއަރީތަކުގެ މައްޗަށް ވިސްނުމާއި ތަޢުލީމް ލިބި އެކަމުގެ މައްޗަށް ހޭނިފައި ތިބި ބަޔަކަށް ދިވެހިން ވެގެންނެވެ. ޢިލްމީ ގޮތުން އަންނަމުން ދާ އަދި މިހާތަނަށް ހޯދިފައިވާ ދުނިޔޭގެ ކުރިއެރުން ތަކުގެ މައްޗަށް އިހުތިރާމްކޮށް، މަސައްކަތް ކުރަންދަންނަ ބަޔަކަށް ދިވެހި މުސްލިމުން ވެގެންނެވެ. ޢިލްމީ ގޮތުންނާއި މާއްދީ ކުރިއެރުން ތަކުގެ މައްޗަށް މިއަދު އިންޤިލާބީ ކުރިއެރުންތައް ހޯދާފައިވާ ދުނިޔެ އެއްގައި ހަމައެކަނި ރޫޙާނިއްޔަތުގެ ބަޔަށް ދީލާ ދުނިޔެ ނަގާލުމަކީ، އިސްލާމް ދީނުގެ މަތިވެރި ބުރުޙާން ތަންދޭ ކަމެއްނޫނެވެ. އެހެނީ ﷲ ތަޢާލާ އިސްލާމީ އުއްމަތުގެ މައްޗަށް އަމުރު ކުރެއްވީ ނަމާދު ކުރުމަށް ފަހު ބިންމަތީގައި ފެތުރިގަތުމަށެވެ. މުރާދަކީ ދުނިޔެއަށްޓަކާ މަސައްކަތް ކުރުމެވެ. ޒަމާނީ ހޯދުންތަކާއި ޒަމާނީ ޢިލްމުގެ މައްޗަށް ނުވަތަ ބަދަލުވަމުން ދާ ދުނިޔޭގައި ހޯދެމުންދާ ކުރިއެރުންތަކަށް އިހުތިރާމް ނުކުރާބަޔަކަށް ޤައުމެއް ތަރައްޤީކޮށް، އާރާސްތު ކުރުމަކީ، ކުރެވޭނެ ކަމެއްނޫނެވެ. މިދެންނެވި ހަގީގަތް އަރަބި އިސްލާމީ ދުނިޔެއިން އެދަނީ ފެންނަމުންނެވެ. މިއަދު ސަޢުދީ ރައްޔިތުން ވެސް ދުވަނީ ޑިމޮކްރަސީއާއި ދިމާލަށެވެ. މިސްރުގެ ރައްޔިތުން ވެސް ދުވަނީ ޑިމޮކްރަސިއާއި ދިމާލަށެވެ. ތޫނިސްގެ ރައްޔިތުން ވެސް ދުވަނީ ޑިމޮކްރަސިއާއި ދިމާލަށެވެ. ޖުމުލަ ގޮތެއްގައި މުޅި އިސްލާމީ އުއްމަތުގައި ހިމެނޭ ހުރިހާ ދައުލަތްތައް ވެސް ދުވަނީ ޑިމޮކްރަސީގެ ފަހަތުންނެވެ. ޢިލްމީ އިންޤިލާބަށް އިހުތިރާމް ނުކުރާބަޔަކަށް ޤައުމެއް ތަރައްޤީކޮށް، އާރާސްތު ކުރުމަކީ، ކުރެވޭނެ ކަމެއްނޫނެވެ.