އަސާސީ ޞިއްޙީ ޚިދްމަތް ތަރައްޤީ ކުރުމަށް ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދްމަތް ފޯރުވައިދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

president-nasheed

ރާއްޖޭގެ ރައްޔިތުންނަށް ފޯރުވައިދެވޭ އަސާސީ ޞިއްޙީ ޚިދްމަތް ތަރައްޤީކޮށް، ރައްޔިތުން ބޭނުންވާ ފެންވަރާއި މިންވަރުގައި، ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދްމަތް ފޯރުވައިދޭން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ކުރިއަރުވަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އަސާސީ ޞިއްޙަތާއި އާންމު ޙާލަތު ތަރައްޤީ ކުރުމަށްޓަކައި ލާމަރްކަޒީ އުސޫލުން އަސާސީ ޞިއްޙީ ޚިދުމަތް ފޯރުވައިދިނުމާބެހޭގޮތުން، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔޫ.އެޗް.އޯ)އާއި، ކަމާބެހޭ އެހެން ދާއިރާތައް ގުޅިވަޑައިގެން ހިންގަވާ ވަރކްޝޮޕް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ބޭއްވުނު މި ވޯކްޝޮޕްގައި، ސަރުކާރުގެ ޞިއްޙީ ދާއިރާގެ ލާމަރުކަޒީ މިންގަނޑާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ލޯކަލް ކައުންސިލްތަކާ ހަވާލުކުރެވުނު ޞިއްޙީ ދާއިރާގެ މަސައްކަތްތަކަށް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަސާސީ ޞިއްޙީ ޚިދުމަތަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްދޭ ޞިއްޙީ އަދި ޞިއްޙަތާ ގުޅުންހުރި ޙިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ލާމަރްކަޒީ އުޞޫލުން ޞިއްޙީ ޚިދުމަތް ފޯރުވައިދިނުމުގެ ސަބަބުން، ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދްމަތުގެ ފެންވަރު ރަނގަޅުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަސާސީ ޞިއްޙީ ޚިދުމަތުގެ އުސޫލުން ކުރެވޭ މިމަސައްކަތުގައި ލަނޑުދަނޑިތަކާއި ސްޓްރެޓެޖީތަކާއި އަމާޒުކުރެވޭ ކަންކަންވެސް ހިމެނިފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އެގޮތުން ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ޢާންމު ބަލިތަކުން ރައްކާތެރިވުމާއި، ފަރުވާ ދިނުމާއި، ޢާންމުކޮށް ބޭނުންކުރާ ބޭސް ލިބެން ހުރުމާއި، މައިންނާއި ކުޑަކުދިންނަށް ދެވޭ އާންމު ފަރުވާއާއި، ވެކްސިންދިނުމާއި، ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުންފަދަ ކަންތައްތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފުބޯފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަކީ ރާއްޖޭގެ ތަރައްޤީއާއި އާންމު ރައްޔިތުންގެ ޙާލަތު ރަނގަޅުވާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.