ތިމާއަށް ވިސްނޭ ވިސްނުމަކީ އެންމެ މޮޅުގޮތް ކަމުގައި ހީވެގެން އުޅުނަކަސް އެއަކީ އަދި އދ އަށް ނުވަތަ އދ ގެ ޑިޕްލޮމޭޓަކަށް ގޮންޖަހާލެވޭ ވަރުގެ މީހަކަށް ނުވެވޭނެ

ފުނަމާ

hep-nasheed

ޔުނައިޓަޑް ނޭޝަން ނުވަތަ އަޅުގަނޑުމެން ކިޔާގޮތުންނަމަ އދ އަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔޭގެ އެންމެހާ ގައުމުތައް އެކުގައި ބަސްކިޔައި ގުޅިގެން ދުނިޔޭގެ ކަންކަން އެއް އުސޫލަކުން ގެންދިއުމާއި އެކު ވަކި ނުފޫޒުގަދަ ގައުމުތަކުގެ ކިބައިން ދުނިޔޭގެ އެހެން ގައުމުތައް ސަލާމަތްކޮށް އަމާން ވެއްޓެއްގައި ދުނިޔޭގެ އެންމެހާ ފަރުދުން ގުޅިގެން އުޅުމުގެ ނިޔަތުގައި އެއިރުގެ ބާރުގަދަ ގައުމުތަކުން އެކުލަވާލައިގެން އުފެއްދި ޖަމާއަތެއް ކަމުގައި ދަންނަވާން ޖެހެއެވެ.
އދ ގެ ދައުރު ފުޅާވަމުންގޮސް މިއަދު މުޅި ދުނިޔޭގައި ކަންހިނގަމުންދާ ގޮތާމެދު އެންމެ ބާރަށް ބަސްބުނާ އެންމެ ބާރުގަދަ އަދި ގާތްގަނޑަކަށް ދުނިޔޭގެ އެންމެހާ ގައުމުތަކުން އެބައެއްގެ ނިންމުންތަކަށް އެންމެ އިޙްތިރާމްކުރާ ޖަމާއަތަކީ އދ ކަމުގައި ދަންނަވާން ޖެހެއެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ޖެހޭ އެކިއެކި މައްސަލަ ތަކުގައި ގޮތްނިންމައި އަދަބުދޭން ޖެހޭ ހާލަތް ތަކުގައި އެކަން ކުރުމުގެ ބާރުވެސް އެޖަމާއަތަށް ދުނިޔޭގެ އަޣްލަބިއްޔަތުން ވަނީ ދީފައެވެ. އެހެންކަމުން އދ އިން ނިންމާ ނިންމުންތަކާ ، ކަނޑައަޅާ ކަންކަމަށް އިހްތިރާމް ކުރުމަކީ މިއަދުގެ ދުނިޔޭގެ ކޮންމެ ގައުމަކުން ހިތް ރުހުނަސް ނުރުހުނަސް އަމަލު ކުރާ ކަމެކެވެ.
ފާޅުކަން ބޮޑުގޮތެއްގައި އދ ލީޑުކުރާ ގައުމުތަކޭ މިކިޔާ ދުނިޔޭގެ ބާރުގަދަ ގައުމުތަކަކީ އިސްލާމީ ގައުމުތަކެއް ނޫންކަން އެބައެނގެއެވެ. އެހެންނަމަވެސް އދ އިން ނިންމާ ކަންކަމަކީ ވަކިދީނަކަށް ވަކި ނަސްލަކަށް ނިސްބަތް ކޮށްގެން ނިންމާ ނިންމުން ތަކެއް ކަމުގައި ގަބޫލުކުރާކަށް ނުޖެހެއެވެ. މިއަދުގެ ދުނިޔެ ދެކޭގޮތުގައި ވަކިގައުމެއްގައި ވަކިބާރުތަކެއް އޮންނާތީވެ ނުވަތަ ވަކި ނަސްލެއްގެ ބަޔަކު ގިނަވީތީވެ ނުވަތަ ވަކި ދީނެއް ކުރިއަރާފައި ވާތީވެ ، މިފަދަ ކަންކަމަށް އެޖަމާއަތުން ވަކިއިމްތިޔާޒުތަކެއް ދީފައެއް ނުވެއެވެ. މީގެ މިސާލުތައް ދުނިޔޭގެ ކައިރި މާޟީތަކުން ފެންނާންވެސް އެބަހުއްޓެވެ. މިސާލަކަށް ބޮސްނިއާ ހޭޒްގޮވީނާގައި މުސްލިމު ނަސްލު ނައްތާލަން ދާދި ފަހުން އެހިންގި ޖަރީމާ ތަކުގައި މުސްލިމު ދަރިކޮޅުގެ ދިފާއުގައި އދ އިން ކުރި މަސައްކަތްތައް އަޅުގަނޑުމެން މުސްލިމުންނަށް ވީތީވެ ޝުކުރުވެރި ކަމާއެކު ގަބޫލު ކުރަމެވެ. ޗެޗުނިޔާގެ މައްސަލަ އަޅުގަނޑުމެން ގަބޫލު ކުރަމެވެ. އެހެންކަމުން އިންސާނިއްތަށް އދ އިން ކުރަމުން ގެންދާ ކޮންމެ މަސައްކަތެެއް އަޅުގަނޑުމެން ގަބޫލުކުރާން ޖެހެއެވެ.
މުސްލިމުންނަކީ އަނިޔާވެރިކަން އަޅުގަނޑުމެންގެ އަމިއްލަ ނަފުސައްވެސް ހަރާމް ކޮށްގެން ތިބި ބަޔަކީމުއެވެ. މުޅި ދުނިޔެ ގަބޫލުކުރާ ގޮތުގައި މިއަދުގެ ދުނިޔޭގެ އެންމެ އިއްޒަތްތެރި ޑިޕްލޮމޭޓަކީ އދ ގެ ސެކްރެޓަރީ ޖެނަރަލް އެވެ. މުޅި ދުނިޔޭގެ ގަދަރާއި އިހްތިރާމް އަދި ، ހިމާޔަތް އެފަރާތަކަށް ދެވިފައިވެއެވެ. އިއްޔެ ކަޅުދަރިކޮޅުގެ ކޯފީ އަނާން އަދި މިއަދު އެހުންނެވި ބަންކީ މޫން އެއް ތަފާތު ކުރުމެއް ނެތިއެވެ. ހަމަ އެހެންމެ އދ ގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ މުހިންމު ފަރާތްތަކަކީ ވެސް ދުނިޔެ އެބޭފުޅުންނަށް އިހުތިރާމު ކުރާ ބައެކެވެ. އެހެން ނަމަވެސް އެގައުމެއްގެ އަމިއްލަ ޒާތީ މަސްލަހަތުތަކާ ގުޅިގެން އދ އިން ނިންމާ ނިންމުން ތަކުގައި ގައުމުތަކުން ބައެއްފަހަރު އދ އާއި އިދިކޮޅަށް ބަސްބުނެ އުޅެއެވެ. މިއަކީ އާކަމެއް ނޫނެވެ. އދ ގެ މަންދޫބުން ބައެއް ގައުމުތަކަށް ނޭރުވުމަށް މަސައްކަތް ކުރެވިފައިވެސް އެބަހުއްޓެވެ. އެހެންނަމަވެސް އދ އިން އަޣްލަބިއްޔަތާއި އެއްގޮތަށް ކުރާންޖެހޭ ކަންކަމާއި އަޅާންޖެހޭ ފިޔަވަޅުތައް ގެންދަނީ އަޅަމުންނެވެ. ޑިޕްލޮމަސީ ބޭނުން ކޮށްގެން، ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ނުވަތަ، އަސްކަރީ ފިޔަވަޅު އަޅައިގެން ވިޔަސް އދ އިން ނިންމަން ޖެހޭ ނިންމުންތައް ގެންދަނީ ނިންމަމުންނެވެ. އދ އިން ނިންމާ ނިންމުން ތަކަށް ދުނިޔެ އިއްތިފާގެއް ނުވާނެއެވެ. ސަބަބަކީ އެއްބައެއްގެ މަސްލަހަތު އޮންނަ ކަންކަމުގައި އަނެއްބައެއްގެ މަސްލަހަތާ ފުށުއަރައެވެ. ނަމަވެސް ދުނިޔެ ދެކޭ އަދުލު އިންސާފު ގާއިމުކުރުމުގެ މެންޑޭޓާއި އެއްގޮތަށް އދ އިން އެގެންދަނީ މަސައްކަތް ކުރަމުންނެވެ. ދޭދޭ ގައުމުތަކުގެ ރައުޔާއި އދ ގެ ރައުޔަކީ އެއްގޮތްވާން ޖެހޭނެ އެއްޗެއް ނޫނެވެ. އެހެނީ އދ އެތަމްސީލުކުރަނީ މެންބަރު އެންމެހާ ގައުމުތަކެވެ. ތަބާވަނީ މެންބަރުންގެ އަޣުލަބިއްޔަތަށެވެ. މާދަމާ އދ ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދިވެހި ރައްޔިތަކުވެސް ފެނިގެން ދިއުމަކީ މިހާރު އަޅުގަނޑުމެން ގަބޫލުނުކުރާންވީ ކަމެއް ނޫނެވެ. އެދުވަހަކުން އދ އިން ނިންމަ ނިންމުން ތަކުގައި ދުނިޔެއިން ކިޔާފާޑުކިއުން ތައް އެންމެ ބޮޑަށް ރައްދުވާނީ ހަމައެފަރާތަކަށެވެ. އެއަކީ ދިވެއްސަކަށް ވީތީއެއް ނޫނެވެ. އަދި މުސްލިމަކަށް ވީތީއެއްވެސް ނޫނެވެ. އދގެ އެމަގާމުގައި ހުންނަވާތީއެވެ.
ދިވެހި ރައްޔިތެއް ކަމުގައިވާ ޕުރޮފެސަރ ޝަހީދު އަކީ މިއަދު އދ އިން ނުހަނު މުހިންމު މިޝަންއަކަށް ކަނޑަ އަޅުއްވާފައިވާ އިއްޒަތްތެރި ޑިޕްލޮމޭޓެކެވެ. މަގާމުގެ މުއްދަތުގައި އެމަނިކުފާނުން ވާޖިބު އަދާކުރައްވާއިރު ތަމްސީލު ކުރައްވާނީ ދިވެހި ރާއްޖެއެއް ނޫނެވެ. އދ އެވެ. ނަމަވެސް އަޅުގަނޑަކީވެސް ދިވެއްސަކަށް ވެފައި އަޅުގަނޑު ނޫން މީހަކަށް އެފަދަ މަގާމެއް ލިބުނީމައި ހިތުގައި މިއޮންނަ ނިފާގު ފާޅުކުރުމަކުން އަޅުގަނޑަކީ އެފަދަ މަގާމަކަށް އެކަށީގެންވާ މީހެއް ކަމުގައި ވެވުނީ ކަމަކަށް ނުވާނެއެވެ. މިފަދަ ގޮތަކަށް ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ރައީސަކު ވާހަކަ ދައްކައި މަލާމާތްކޮށް ހެދުމަކީ އެމީހެއްގެ ތަސައްރަފު ނުފުދޭކަން އެހެންމީހުން ގަބޫލުކުރާނެ ކަމެކެވެ. މިފަދަ މީހުން އެންމެ ފުރަތަމަ ޖެހޭނީ ދުނިޔޭގެ ކަންހިނގާގޮތް ދަސްކުރާށެވެ. ތިމާގެ އަތުގައި އޮންނަ ހަމައެކަނި ސެޓުފިކެޓަކީ މުޅިދުނިޔެ އެގަބޫލުކުރާ އެއްޗަކަށް ވާކަށް ނުޖެހެއެވެ. އެހެންކަމުން އިއްޔެ މެންދުރުގެ ކިރުތުބުން ނުވީއްލޭ ދިވެހި ،ސިޔާސަ ކުއްޖަކު އދ އަށް ނުވަތަ އދ ގެ ޑިޕްލޮމޭޓަކަށް ފުރައްސާރަ ކުރުމަކީ ދިވެހީންނަށް އޮތް ވަރަށްބޮޑު ލަދަަކަށް ވެދާނެއެވެ. މިފަދަ މީހުންގާތު ބުނާންއޮތީ ތިމާއަކީ މާމޮޅުމީހެއް ކަމުގައި އަދި ، ތިމާއަށް ވިސްނޭ ވިސްނުމަކީ އެންމެ މޮޅުގޮތް ކަމުގައި ހީވެގެން އުޅުނަކަސް އެއަކީ އަދި އދ އަށް ނުވަތަ އދ ގެ ޑިޕްލޮމޭޓަކަށް ގޮންޖަހާލެވޭ ވަރުގެ މީހަކަށް ނުވެވޭނެއެވެ.