ކުރީގެ ރައީސްގެ ތަރުޖަމާނު ސަރުކާރަށް ގޮންޖަހަމުން އެދަނީ ސަރުކާރުންދޭ އިނާޔަތްތައް ނަގައިގެންހުރެ – މޫސަ

ކުރީގެ ރައީސްގެ ތަރުޖަމާނު މުޙަންމަދު ޙުސައިން ޝަރީފް (މޮންދޫދު) މި ސަރުކާރަށް ގޮންޖައްސަވަމުން ގެންދަވާއިރު، އޭނާ އަކީ މި ސަރުކާރުންދޭ އިނާޔަތް ބޭނުންކުރައްވަމުން ގެންދަވާ މީހެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މައުލޫމާތުދެއްވަމުން މޫސަ ވިދާޅުވީ، ” ޗެއަރޕާސަން އަށްވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑު މޮންދޫދު އަށް ގޮވާލަން ސަރުކާރަށް ގޮންޖަހަމުން، މަޖިލިސް މެންބަރުންނަށް ގޮންޖަހަމުން، އަމިއްލަ ޕާޓީ ވެސް ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ގޮންޖަހަމުން ތި ދަނީ، އިޤްތިޞާދީ ގޮތުން މި ހާ ދަތި ދުވަސްވަރެއްގައި މި ސަރުކާރުންދޭ އިނާޔަތުން މުސާރައިގެ ގޮތުގައި ފައިސާ ނަގައިގެންކަން ހަނދާން ކުރުމަށް. 40،000 ރުފިޔާގެ މުސާރައެއްގައި މޮންދޫދަށް މިއަދު ހުރެވެނީ މި ސަރުކާރުން ކުރީގެ ރައީސަށް އެތައް އިނާޔަތަކާ ލައްކައިން ރުފިޔާ ދޭތީ. ސަރުކާރުން ދޭ ފައިސާއަކީ އެއް ގޮތަކަށް ވެސް މޮންދޫދަށް މުސާރަ ދިނުމަށްދޭ ފައިސާ އެއް ނޫން. އެއީ އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރުމަށްދޭ ފައިސާ.” ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ މުސާރައާއި އިނާޔަތުގެ ގޮތުގައި ކުރީގެ ރައީސް އަށް ދެމުންގެންދާ އަދަދު ނުކުރެވޭ ފަދަ ފައިސާގެ ތެރެއިން އެއްބަޔަކީ ޑިފެންސް މިނިސްޓްރީން ސިފައިންނަށް ޚަރަދުކުރަން ހުންނަ ފައިސާ ކަމަށާއި، އެ ފައިސާ އިން ކުރީގެ ރައީސް ސިޔާސީ ހަރަކާތް ހިންގުމަށް ޚަރަދުކުރުމަކީ މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި އެ ފައިސާ އިން ބައެއް ތަރުޖަމާނަށް ކަރަދުކުރަމުންދާ ދިއުމަކީ ވެސް ވަގުތުން ފިޔަވަޅުއަޅަން ޖެހިފައިވާ ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ.
” އަޅުގަނޑުމެން ކުރީގެ ރައީސުންނަށް، އިނާޔަތާއި ހިމާޔަތް ދޭން ފާސްކުރީ ސިޔާސީ ޙަރަކާތުގައި އުޅޭކަށް ނޫން. އަދި އެފައިސާ އިން ސިޔާސީ މީހުންނަށް ބޮޑު މުސާރަދޭކަަށް ވެސް ނޫން. އެއީ ގައުމަށް ފައިދާހުރި އިޖުތިމާޢީ މަސައްކަތްކުރުމަށް ދޭ ފައިސާ އާއި އިނާޔަތްތަކެއް. ގައުމުގެ ވެރިކަންކުރި މީހަކަށްވާތީ ޢިއްޒަތާއި ޤަދަރާއި އެކު އުޅުމަށް ދިން އެއްޗެއް. ފަހަރެއްގައި ވެސް އެއީ އަމިއްލަ ޕާޓީ ފުނޑުފުނޑުކޮށްލާ، އާއިލާއަށް ވެރިކަން ފުރޮޅާލުމަށް ދޭ އިނާޔަތްތަކެއް ނޫން. އެހެން ކަމުން އަޅުގަނޑު މަޖިލީހުގެ މެންބަރުންނަށް ގޮވާލަން މި އިނާޔަތްތައް ކުދަކުރަން ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ހުށަހަޅުއްވާފައިވާ ބިލަށް ތާއީދުކޮށްދެއްވުމަށް. އަދި އެ ފައިސާ އިން މޮންދޫދަށް ދެމުން ގެންދާ މުސާރަ މިހނދުން މިހިނދަށް ކަނޑާލުމަށް ވެސް އަޅުގަނޑު ގޮވާލަން” މޫސަ ވިދާޅުވިއެވެ.