އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ކުރިމަތި ލެއްވީ ހަމަ އެކަނި އިބޫ

އިބްރާހީމް ރާމިޒް

iboo-450-x-301

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕުން ހުސްވެފައިވާ އެ ގްރޫޕްގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލެއްވުމުގެ މުއްދަތު ހަމަވި އިރު އެ މަޤާމަށް ކުރިމަތިލައްވާފައިވަނީ ހަމައެކަނި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް (އިބޫ) ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްކަމުގެ މަޤާމަށް އިބޫ އެކަނި ކުރިމަތިލައްވާފައިވާ އިރު، މި މަޤާމަށް އެބޭފުޅާ ހޮވަން ފެނޭތޯ ބެލުމަށް ބާއްވާ ސިއްރު ވޯޓު އޮންނާނީ މިއަންނަ ބުދަ ދުވަހުގެ މެންދުރުފަހު 3.00 ގައި އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރުފަހު 2.30 ގައި ހަމަވެފައިވާ އިރު، ބުދަ ދުވަހު ބާއްވާ މި އިންތިޚާބާ ހަމައަށް ވަގުތީ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްކަން ކުރައްވާނީ ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރެވެ.
އިބޫ އަކީ މަޖިލީހާއި، ސިޔާސީ ދާއިރާގައި ވެސް ވަރަށް މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވާ، އެމްޑީޕީގެ މެންބަރުންގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ވެސް ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ.