ޖޭއެސްސީގެ މެންބަރުކަމަށް އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީގެ ނަން ހުށަހެޅުއްވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި

– މާރިޔާ ވަނީ މިއަދުން ފެށިގެން ޗެއަރޕާސަން ކަމުގެ ހުރިހާ މަސްއޫލިއްޔަތަކުން އެއްކައިރިވެ ވަޑައިގެންފައި

އިބްރާހީމް ރާމިޒް

mari-225-x-2861

ޖޫޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ އެ މަގާމުން ވަކިކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެން، އެ މަޤާމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ ނަން ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. މި ގޮތަށް ނިންމެވީ މީގެ ކުޑައިރުކޮޅެއްކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ބޭއްވި އެ ގްރޫޕްގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްޔތިފާގުންނެވެ.
މި ނިންމުމާ ގުޅިގެން އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ މި ފަދަ މިނިވަން މުސްތަޤިއްލު ކޮމިޝަނަކަށް އެކަމނާގެ ނަން ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމާ ގުޅިގެން މިއަދުން ފެށިގެން އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަސްއޫލިއްޔަތުން އެއަކައިރިވެވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމަށާއި، އެކަމަނާގެ އުއްމީދަކީ މަޖިލީހުގެ އެންމެހާ މެންބަރުންގެ ރުހުމާއެކު ޖޭއެސްސީގެ މެންބަރަކަށް ވެވަޑައިގެންނެވުން ކަމަށެވެ.
” އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ މި (ޖޭއެސްސީ) ފަދަ މިނިވަން ކޮމިޝަނެއްގެ މެންބަރުކަމަށް ކުރިމަތިލާއިރުވެސް، އެމްޑީޕީގެ އިސް މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރާ މީހެއްގެ ގޮތުގައި ހުރެގެން އެކަމަށް އަޅުގަނޑުގެ ނަން ހުށަހަޅާކަށް. އެހެން ކަމުން މިއަދުން ފެށިގެން އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ ހުރިހާ މަސްއޫލިއްޔަތަކުން އަޅުގަނޑު އެއްކައިރި ވުމަށް ނިންމައިފިން. އަޅުގަނޑު އުއްމީދު ކުރަން މަޖިލީހުގެ ހުރިހާ މެންބަރުންވެސް އަޅުގަނޑު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރުމަށް އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުން މި ނިންމެވި ނިންމެވުމާ އެއްގޮތަށް އަޅުގަނޑަށް ރުހުން ދެއްވާނޭ ކަމަށް. އަޅުގަނޑުގެ ޗެއަރޕާސަން ކަމުގެ ބާކީ އޮތް ދުވަސްތަކާ މެދު ދެން ގޮތެއް ނިންމަވާނީ (އެމްޑީޕީގެ) ގައުމީ މަޖިލީހުން” މާރިޔާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނަށް ވާގިވެރިވާ ޑރ. އަފްރާޝީމް އަލީ ޖޭއެސްސީގެ މެންބަރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އެގްރޫޕްގެ ރައީސް (ރީކޯ) މޫސާ މަނިކު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް އިއްޔެގެ ޖަލްސާގައި ވޯޓަށް އެހުމުން މަޖިލީހަށް ހާޒިރުވި 73 މެންބަރުންގެ ތެރެއިން 38 މެންބަރުން ވަނީ އޭނާ ޖޭއެސްސީން ވަކިކުރެއްވުމަށް ވޯޓުދެއްވަފައެވެ. 34 މެންބަރުން ވޯޓް ދެއްވާފައި ވަނީ އޭނާ މެންބަރު ކަމުން ވަކިނުކުރުމަށެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ އިންނެވީ އެންމެ މެންބަރެކެވެ.
ރ.އަފްރާޝީމް އަލީ ޖޭއެސްސީން ވަކިކުރުމަށް އެދި އެމްޑީޕީން ހުށަހެޅީ ޖޭއެސްސީގެ ޤާނޫނާއި ޤަވައިދާ ޚިލާފަށް އެކޮމިޝަނުގެ ކަންތައް ގެންދިއުމުގައި ޑރ.އަފްރާޝީމް ޢަލީގެ ދައުރެއް އޮތަ ކަމަށާއި، އެކަންކަމުގައި ޑރ.އަފްރާޝީމް ޢަލީ ބައިވެރިވެވަޑައިގެންފައިވާތީ އާއި، ޖޭއެސްސީގެ މަސައްކަތްތާއި،އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އިޚްލާސްތެރިކަމާއެކު އަދާކުރައްވަމުން ނުގެންދަވާތީ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ފޮނުއްވި ސިޓީގައި ވެއެވެ.
މީގެ އިތުރުން ޑރ.އަފްރާޝީމް ޖޭއެސްސީން އިނާޔަތް ނަންގަވަމުން ގެންދަވާ މައްސަލަވެސް އެމްޑީޕީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ޑރ.އަފްރާޝީމް ޖޭއެސްސީގެ މެންބަރުކަމުން ވަކިކުރުމަށް މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މިނިވަން މެންބަރު އިސްމާޢީލް ޢަބްދުލް ހަމީދާއި، ކުރެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަޙުމަދު މޫސާ އާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މިނިވަން މެންބަރު މުޙަންމަދު ނަޝީދު ވެސް އެމްޑީޕީގެ ފިކުރާ އެއްގޮތަށް ވޯޓުދެއްވާފައިވާކަން ފާހަގަކުރެވެއެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވަނީ ޑީއާރުޕީން މިހާރު ވަކިވެވަޑައިގެންފައިވާ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދެވެ.