އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް 450 ފަރާތަކުން ކުރިމަތިލައިފި

އެމްޑީޕީގެ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހަށް ވެސް 20 ފަރާތަކުން ކުރިމަތިލާފައިވޭ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިމީ ކޮމިޓީތަކަށް 450 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީގެ ދާއިމީ 17 ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު 31 މެއިގެ ނިޔަލަށް ހަމަވި އިރު މިކޮމިޓީތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ މިނިސްޓަރުންނާއި، މަޖިލިސް މެންބަރުންނާއި، ފިލްމީ ދާއިރާގެ ބޭފުޅުންނާއި، އަލަށް ޕާޓީއާއި ގުޅިވަޑައިގެންނެވި ގިނަ ފަރާތްތަކުގެ އިތުރުން ވަރަށް ގިނަ އަދަދެއް އާންމުން ވެސް ކުރިމަތިލާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

މިގޮތުން އެންމެ ގިނަ މެންބަރުން ކުރިމަތިލާފައިވަނީ އިޤްތިޞާދީ ކަންކަމާއި ބެހޭ ކޮމިޓީ އަށެވެ. އެކޮމިޓީއަށް 39 ފަރާތަކުން ކުރިމަތިލާފައިވެއެވެ. ދެން އެންމެ ގިނަ މީހުން ކުރިމަތިލާފައިވާ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއި ބެހޭ ކޮމިޓީއަށް 37 މެންބަރުން ކުރިމަތިލާފައިވާ އިރު 3 ވަނައަށް އެންމެ ގިނަ މެންބަރުން ކުރިމަތިލާފައިވާ ބައިނަލްއަޤުވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީ އަށާއި، މެމްބަޝިޕާއި ކެމްޕެއިން ކޮމިޓީ އަށާއި މީޑިޔާ ކޮމިޓީ އާއި، މިއިން ކޮންމެ ކޮމިޓީއަކަށް 36 މެންބަރުން ކުރިމަތިލާފައިވެއެވެ. މީގެ އިތުރުން މަސައްކަތާއި އިޖުތިމާއީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ އަށް 34 މެންބަރުން ކުރިމަތިލާފައިވާއިރު، ޞިއްޙަތާއި ވެލްފެޔާއާއި ބެހޭ ކޮމިޓީ އަށް 33 މެންބަރުން، އިންތިޒާމް ކުރުމާއި ބެހޭ ކޮމިޓީ އަށް 31 މެންބަރުން، ގެދޮރާއި ބެހޭ ކޮމިޓީ އަށާއި، ދަތުރު ފަތުރާއި ބެހޭ ކޮމިޓީ އަށް 30 މެންބަރުން، އިންތިޚާބާއި ބެހޭ ކޮމިޓީ އަށް 27 މެންބަރުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ޤުދުރަތީ ވަޞީލަތްތަކާއި ބެހޭ ކޮމިޓީއަށް 24 މެންބަރުން، ތަޢުލީމާއި ބެހޭ ކޮމިޓީއަށް 20 މެންބަރުން، މާލިއްޔަތާއި ޗަންދާއާއި ބެހޭ ކޮމިޓީއަށް 17 މެންބަރުން، ޙައްޤު ކޮމިޓީއަށް 11 މެންބަރުންޤާނޫނީ ކަންކަމާއި ބެހޭ ކޮމިޓީ އަށް 10 މެންބަރުން އަދި އެންމެ މަދުން މެންބަރުން ކުރިމަތިލާފައިވާ ސަލާމަތާއި ބެހޭ ކޮމިޓީ އަށް 9 މެންބަރުން
ކުރިމަތިލާފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީގެ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހަށް ވެސް 20 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީގެ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހަށާއި، އެ ޕާޓީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ގައެވެ. އަދި މި އިން ކޮންމެ ކޮމިޓީއެއްގައި ތިބޭނޭ މެންބަރުންގެ އަދަދު ކަނޑައަޅާނީ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ކަމަށް އެޕާޓީން ބުނެއެވެ.

ކޮމިޓީތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓު ބެލުމަށް މިލިންކަށް ފިތާލާށެވެ.

އިސްތިއުނާފު ފަނޑިޔާރު މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ލިސްޓު ބަލާލުމަށް މިލިންކަށް ފިތާލާށެވެ