މެންބަރުންގެ ޚިޔާލު: ހައްލަކީ ކޮބާ!! 3 ވަނަ ބައި

ފުނަމާ

” ޖިނާއީ ޢަދުލުގެ ނިޒާމް ” މިނަމަކީ އަޅުގަނޑުމެންގެ ގިނަމީހުންނަށް އަދި އިވޭންފެށިފަހުން ” ކިރުތުނބުން ނުވީއްލޭ ” ތުއްތު ކުއްޖެއް ފަދަ ބަހެކޭ ދެންނެވިޔަސް ހެޔޮވާނެއެވެ. މިހެން ދެންނެވީ މިފަހަކަށް އައިސް އާންމު ދިވެހިބަސްބަހުގެ މާނަވެސް މިކުރެވެނީ އެކިފަހަރު އެކިގޮތަށެވެ. އަޅުގަނޑުގެ އުނިސިކުނޑި ވިސްނައިދޭ ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމޭ މިކިޔަނީ ޤާނޫނުގައި ކަނޑައެޅިފައިވާ ބޮޑެތި އަދަބުތައް ލިބޭންޖެހޭ އަދި އެކުށެއް ސާބިތުވެއްޖެނަމަ ހައްޔަރުކޮށް އަދަބުދެވޭ ބައެއް ބާވަތް ތަކުގެ ކުށްތަކަށް ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން ތަހުގީގު ކުރެވި ޝަރީއަތަށް ފޮނުވި ސާބިތު ވެއްޖެނަމަ ކަނޑައެޅޭ އަދަބެއް ނުވަތަ ހައްދެއް ކަނޑައަޅައި ނިމޭންދެކަށް އެމީހަކު ހައްޔަރުގައި ބެހެއްޓޭނެ އަދި އެކުރެވުނު ޙުކުމެއްގެ މުއްދަތު ހަމަވުމުން ނުވަތަ އޮންނަ ގާނޫނީ ހަމަޔަކުން އޭނާ މުޖުތަމަޢަށް ދޫކުރުމާ އެފަދަ މީހުން ބެލެހެއްޓުމުގެ އެންމެހާ ކަންކަން ހިނގައިދާ ގޮތަށެވެ.
ޖަރީމާތައް ހިންގާ ފާޙިޝް ޢަމަލުތައް ހިންގާކަން ފުލުހުންނާ ހަމަޔަށް މިގެނެވެނީ ޢާންމު ފަރާތެއްގެ ރިޕޯޓަކުން ނުވަތަ، ސީދާގޮތެއްގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކުން ނުވަތަ ، ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ފުލުހުންނަށް ދޭ މައުލޫމާތަކާ ގުޅިގެންނެވެ. މިހިސާބުން ފުލުހުންގެ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތައް ތަހުޤީގުތައް ފެށި ކުރިއަށް ގެންދާން ޖެހެއެވެ. މިގޮތުން ފުރަތަމަވެސް 24 ގަޑިއިރުގެ ތެރޭގައި އެފަރާތުގެ ތަހުގީގަށް މީހާ ނުވަތަ ބަޔަކު ހައްޔަރުގައި ބޭތިއްބުމަށް ކޯޓުއަމުރެއް ހޯދާން މަޖުބޫރުވެއެވެ. އަދި ކޯޓުން މުއްދަތެއް ދެއްވައިފިނަމަ އެމުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމައި އެމީހަކު ނުވަތަ ބަޔަކު ދޫކޮށްލާން ނޫންނަމަ އަނެއްކާވެސް ކޯޓުގެ އަމުރެއް ހޯދާން އެބަޖެހެއެވެ. ތަހުޤީގު ނިމުމުން އޮންނަ އުސޫލުން ޕްރޮސިކިއުޓު ކުރުމަށް ކަމާބެހޭ ފަރާތަށް ފޮނުވާން ޖެހެއެވެ. ތަހުގީގުގެ މަރުހަލާއިން ހޯދުނު ހެކިތަކަކީ ޝަރީޢަތައް ފޮނުވަން ޖެހޭވަރުގެ ކަންކަންތޯ ނިންމައި ޝަރީޢަތައް ފޮނުވުމުގެ ބާރުވެރިކަން މިއޮންނަނީ ޕުރޮސިކިއުޓަރ ޖެނަރަލްގެ އަތްޕުޅުގައެވެ. އެއައްފަހު މައްސަލަ އެފަރާތުން ޝަރީޢަތަށް ފޮނުވުމުން ބަލައިގަތުމުގެ ބާރު މިއޮންނަނީ ޖިނާއީ ކަންކަން ބަލާ ކޯޓުގެ އަތްމަތީގައެވެ. އަދި އެއައްފަހު މައްސަލަ ޝަރީޢަތުގައި ބަލަމުންގެންދާއިރު ކުރީން ފުލުހުންނާއި ޕުރޮސިކިއުޓަރ ޖެނެރަލް އިން ފޮނުވި އެންމެހާ ބަޔާންތަކާއި އެއާގުޅޭ ހެކިތައް ބޭނުންކުރުމާއި ނުކުރުން މިއޮންނަނީ ފަނޑިޔާރުންގެ އަތްމަތީގައެވެ. މިހިސާބުން ނިޔާއެއްކަނޑައެޅި ކުއްވެރިއެއް ކަމުގައި ވެއްޖެނަމަ އޭނާ އަށް އެކަނޑައެޅި އަދަބެއް ތަންފީޒު ކުރުމާ ހަވާލު ކުރެވެނީ ޑީޕީއާރުއެސް އާއިއެވެ.
މިދެންނެވި ހުރިހާ މަރުހަލާއެއް ކަނޑައްތުކޮށް މީހަކު ކުށްވެރިއަކަށް ވުމުގެ ދެމަރުހަލާއެއްގައި ޝަރުޢީ ދާއިރާއިން އެމީހަކާ ކުރިމަތި ލައެވެ. ކުށުގެ ތުހުމަތުގައި މީހާހައްޔަރު ކުރުމާއި ޝަރީއަތްކޮށް ނިޔާކަނޑައެޅުމުގެ މަރުހަލާގައެވެ. އެހެންކަމުން މީހަކު ކުށްވެރިޔަކު ކުށްވެރިއެއް ކަމުގައި ނިންމަނީ ޝަރުޢީ ދާއިރާއިންނެވެ. ފުލުހުންނާ ޕްރޮސިކިއުޓަރ ޖެނަރަލްގެ ހިއްސާ އޮވެގެން ކަމުގައި ވިޔަސްވެހެވެ. ވީއިރު ސުވާލަކީ ފުލުހުންނަށް ތަހުގީގު ކުރުމަށް މިނިވަންކަމާއިއެކު ކިހާފުރުސަތެއް ދެވޭބާވައެވެ؟ ބައެއްފަހަރު ތަހުގީގު ރިޕޯޓުތައް ޝަރީއަތުގައި ބޭނުން ކުރާއިރު އަނެއްބައި ފަހަރަށް ނުކުރަނީ ކީއްވެ ބާވައެވެ؟ ހެކިބޭނުން ކުރުމުގައި ތަފާތުތަކެއް މިހުންނަނީ ކީއްވެބާވައެވެ؟ އެއްބާވަތުގެ ދެމައްސަލައެއްގައި ދެނިޔާއެއް ކަނޑައެޅިދަނީ ކީއްވެބާވައެވެ؟ ހަމައެހެންމެ އެއްބާވަތެއްގެ ކުށުގެ ނިޔާ ކަނޑައެޅިފައި ތިބޭ މީހުންގެ ތެރެއިން އެކަކު ޖަލުގައި އޮންނައިރު އެފަދަ އަނެކަކު މިނިވަންކަމާއެކު ސައިކަލުގައި ފިނިބުރު ޖަހަނީ ކީއްވެބާވައެވެ؟ މިސަރުކާރު އައިއިރު ޖަލުގައި ތިބޭންޖެހޭ އެތަކެއް ސަތޭކަ ބޮޑެތި ކުށްވެރީން މުޖުތަމައުގައި ދޫވެފައި ތިބިކަމީވެސް އެންމެންނަށް އެނގޭ ހަޤީގަތެކެވެ. އަދި މިސަރުކާރު އައި ފަހުންވެސް އެކުށްވެރީން މުޖުތަމައުގައި އެބައުޅެއެވެ. ކުށްވެރީން ޖަލުގައި ބެލެހެއްޓުމަކީ ކިހާބޮޑު ޚަރަދެއް ކަމާ ގިނައަދަދެއްގެ މީހުން ހައްޔަރު ކޮށްގެން ގެންގުޅޭން ޒަމާނީ ޖަލެއް ނެއްވާހަކައަކީވެސް ދިގުވާހަކައެކެވެ. ސަރުކާރުން ސިޔާސީ ބޭނުންތަކަށްޓަކައި މުޖުރިމުން ދޫކުރާ ކަމަށް ވާހަކަ ދައްކާއިރު އިދިކޮޅު ސިޔާސީ ބޭނުންތަކަށް ޓަކައި މީހުން ހައްޔަރު ނުކުރެވުމާ ކޯޓަށް ހާޟިރު ނުކުރެވޭ ވާހަކަޔަކީވެސް އަޑުބާރު ކޮށް ދެއްކޭ ވާހަކަތަކެވެ. ދައުލަތުގެ ތިންބާރުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް އުޅޭކަމުގައި އާންމުރައްޔިތުން ބުނާއިރު ދައުލަތުގެ ދެބާރު ކަމުގައިވާ ރައްޔިތުންގެ މަޖްލިސްއާއި ޝަރުއީ ދާއިރާ ޖޫޑިޝަލް ސާރވިސަސް ކޮމިޝަންގެ ތެރެއިން ގުޅިލާމެހިފައިވާ ކަމުގައިވެސް ދައްކާ ވާހަކައަކީ ހަޤީގަތެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫންބާވައެވެ؟ ތަހުގީގުގައި ފުލުހުންކުރާ މަސައްކަތް ތަކަށް ފަނޑިޔާރުންގެ އެއްބާރުލުން ގާނޫނަކުން ނަމަވެސް އިތުރުކުރާން ނުޖެހޭތޯއެވެ. ޕުރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ ސްޕީޑް އިތުރުކޮށް ހަމައެހެންމެ ފުލުހުންނަށް އެފަރާތުން ދެއްވާ އެހީތެރިކަން އިތުރުކުރާކަށް ނުޖެހޭތޯއެވެ؟ ސުވާލު ނޫފެދޭ މިންވަރަކަށް ނިޔާކަނޑައެޅޭނެ ހިއްވަރު ފަނޑިޔާރުންގެ ކިބައިގައި އުފައްދާނީ ކިހިނެއް ތޯއެވެ؟ ދައުލަތުގެ ތިންބާރު އެއްބާރާއި އަނެއްބާރުގެ ވާދަވެރިކަން އޮތްހާ ދުވަހަކު މިނިޒާމު ހަރުދަނާ ކުރެވިދާނެ ބާވައެވެ؟ މުޖުރިމުންގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫނެވެ. ޤައުމީ މައްސަލައެކެވެ. ޙައްލުކޮށް ދެއްވާށެވެ.