ރާއްޖޭގެ ޓުއަރިޒަމަށް ގެއްލުންދޭން މަސައްކަތް ނުކުރުމަށް މައުމޫނަށް މޫސަ އިންޒާރު ދީފި

އިބްރާހީމް ރާމިޒް

މޫސަ އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަނީ . ރާއްޖޭގެ ޓުއަރިޒަމް ހަލާކުކޮށް ނުލުމަށް ކުރީގެ ރައީސް މައުމޫނަށް މޫސަ އިންޒާރު ދެއްވާ- ފޮޓޯ އަނދާ
މޫސަ އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަނީ . ރާއްޖޭގެ ޓުއަރިޒަމް ހަލާކުކޮށް ނުލުމަށް ކުރީގެ ރައީސް މައުމޫނަށް މޫސަ އިންޒާރު ދެއްވާ- ފޮޓޯ އަނދާ

ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ޓުއަރިޒަމް ހަލާކު ނުކުރުމަށް ކުރީގެ ރައީސް މައުމޫނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު އިންޒާރު ދެއްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މިހާރު މާލެތެރޭގައި ހިންގަމުން ގެންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެމްޑީޕީން ނަގާފައިވާ ކޮމިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ މިހާރު މާލެ ތެރޭގައި ހަމަނުޖެހުން އުފައްދައި މާލެ ތެރެ ހަލަބޮލިކޮށް ރާއްޖެއަކީ އަމަންއަމާންކަން ނެތް ތަނެއްކަން ބޭރު ދުނިޔެއަށް ހާމަ ކޮށްދިނުމަށް މައުމޫނުގެ ފެކްޝަނުން މުޙައްމަދު ހުސައިން ޝަރީފް (މޮންދޫދު) ވަރަށް ގިނަ މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެގޮތުން ވީޓީވީ އާއި ދިޓީވީންނާއި ޑީއާރުޕީގެ ކެމެރާމަނުން ބޭނުންކޮށްގެން މިހާރު މާލެތެރޭގައި ހިންގާ ހަމަނުޖެހުންތައް ކެމެރާ ކުރުމަށްފަހު ބޭރުގެ އެކިއެކި ފަރާތްތަކަށް ޚާއްސަކޮށް ބޭރުގެ މީޑިއާ ތަކަށާއި، ރާއްޖެއަށް ގިނައިން ޓުއަރިސްޓުން އަންނަ ގައުމުތަކަށް އަމާޒުކޮށްގެން ފޯރުކޮށްދެމުން ގެންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެގޮތުން ހޮންގކޮންގެ ނޫހަކަށް މައުމޫނުގެ ފެކްޝަނުން ރާއްޖޭގެ ނަން ކިލަބުވާފަދަ މައުލޫމާތުދީފައިވާ ކަމަށާއި، މޫގެ އިތުރުން ޓައިވާނުގެ ވެބްސައިޓަކަށް ވެސް ރާއްޖެއަށް ޓުއަރިސްޓުން ފޮނުވުން އެހާ ރައްކާތެރިނޫން ކަމަށް ބުނެ ދޮގު މައުލޫމާތުދީފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
” ރާއްޖޭގެ ޓުއަރިޒަމް ހަލާކުކޮށް، ދިވެހި ރައްޔިތުން ބަނޑަށް ޖެއްސުމަށް މައުމޫނު އަޑީގައި ހުރެގެން މިހިންގާ ހުތުރު އަމަލު، އަޅުގަނޑު ހަމަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ބަޣާވާތެއް މިހާރު އެކުރަނީ. ގައުމުގެ އިޤްތިޞާދު އިނދަޖައްސައި، ގައުމު ހުއްޓުވާލުމަށް އެ މަސައްކަތް ކުރަނީ. ސީދާ ހަމަ ސަރުކާރު ވައްޓާލަން ރާވާ ބޮޑުރޭވުމެއްގެ ދަށުން މާލޭގަ ބަޣާވާތް ހިންގަމުން އެ ގެންދަނީ. އަޅުގަނޑުމެން އެމްޑީޕީން ނުތިބޭނަން މިތަން ބަލާކަށް”، މޫސަ ވިދާޅުވިއެވެ.
މާލެތެރޭގައި ޑީއާރުޕީ އިސްކޮށް އޮވެ ހިންގަމުން ގެންދާ ހަމަނުޖެހުމުގައި، ވަރަށް ގިނަ އާންމުންނާއި، ފުލުހުންނާއި، ދައުލަތުގެ މުދަލާއި އާންމު ފަރުދުންގެ މުދަލަށް ވެސް ދަނީ ގެއްލުން ލިބެމުންނެވެ. އަދި ޒުވާނުންގެ ނަމުގައި ހިންގާ މި ހަމަނުޖެހުންތައް ހުއްޓުވުމަށް ޒުވާނުން އިސް ނަގައިގެންރޭ ނިކުމެ ރޭގެ މުޒާހަރާތައް ހުއްޓުވާފައިވާ ކަން ފާހަގަކުރެވެއެވެ.