އެމްޑީޕީ އިންތިޚާބުގެ ވޯޓުލުން ނިމި ވޯޓުގުނަން ފަށައިފި

މިރޭ 10.30 ގައި ވަގުތީ ނަތީޖާ އިއުލާންކުރުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އެގަޑީގައި ނަތީޖާ އިއުލާން ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް އެމްޑީޕީން ބުނޭ

އިބްރާހީމް ރާމިޒް

މިއަދު ބޭއްވި އިންތިޚާބުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވޯޓުލައްވަނީ - މި އިންތިޚާބުގެ ކަންތައް ދިޔައީ ވަރަށް އޮމާންކޮށް
މިއަދު ބޭއްވި އިންތިޚާބުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވޯޓުލައްވަނީ - މި އިންތިޚާބުގެ ކަންތައް ދިޔައީ ވަރަށް އޮމާންކޮށް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިންތިޚާބު 2011 ގެ ވޯޓުލުން ނިމި ވޯޓުގުނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން މާލެއާއި އަތޮޅުތަކުގައި ބެހެއްޓި ހުރިހާ ވޯޓު ފޮއްޓެއް ވެސް މިހާރު ބަންދުކުރެވި ވޯޓު ގުނުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ. އަދި އަތޮޅުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ނަތީޖާ މިހާރު އެމްޑީޕީ ސެކްރެޓޭރިއަޓަށް ފެކްސް ކުރަމުންދާ ކަމަށާއި، މިރޭ 10.30 ގައި އެ ޕާޓީގެ ހަރުގޭގައި މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ. ނަމަވެސް މުޅި ރާއްޖޭގައި ބެހެއްޓި 236 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 25 ފޮށީގެ ނަތީޖާ ކަމަށްވާތީ، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އާއި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ވެސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައި ވީނަމަވެސް، މިރޭ 10.30 ގައި ވަގުތީ ނަތީޖާ އިއުލާން ނުކުރެވިދާނޭ ކަމަށް އެމްޑީޕީން ދާދި ދެންމެއަކު ބުނެފިއެވެ.
މި ރަސްމިއްޔާތު އެމްއެންބީސީގެ ޗެނަލް ވަން އިން ވަގުތުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިންތިޚާބު ކާމިޔާބު ކުރައްވާ ފަރާތްތަކަށް މަރުހަބާ ދެންނެވުމަށް މާދަމާރޭ އާޓިފިޝަލް ބީޗްގައި ޚާއްސަ ޖަލްސާ އެއް ބާއްވާނޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ އިންތިޚާބަކީ ވަރަށް އަމާން އޮމާން ކަމާއެކު ކުރިޔަށް ދިޔަ އިންތިޚާބެއް ކަމަށާއި، މި އިންތިޚާބުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައިވާ ކަމަށް ވެސް އެމްޑީޕީން މައުލޫމާތު ދެއެވެ.